ގައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް އަލުން ހެދުމުން، ގުނަވަން ބިލު ތަސްދީގު ކުރައްވައިފި

23 ޖުލައި 2026، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވަނީ ---- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ”އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު“ގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާހަގަކުރެއްވުނު ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުން ހައްލުކުރުމުން އެ ބިލު އެ މަނިކުފާނު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މި ބިލަކީ 14 މެއި 2026 ގައި މަޖިލީހުން ފާސްކުރި ބިލެކެވެ. ނަމަވެސް 31 މެއި 2026 ގައި އެ ބިލު ތަސްދީގު ނުކުރައްވައި ރައީސް އަނބުރާ ފޮނުއްވާލެއްވި އެވެ.

ރައީސް، އެ ބިލު ތަސްދީގު ނުކުރެއްވި ބައެއް ސަބަބުތަކުގެ ތެރޭގައި އެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން، އެ ގާނޫނުގައި ބަޔާންކުރާ ކައުންސިލްގެ ލަފާގެ މަތިން ގަވާއިދުތައް ހަދައި އަމަލުކުރަން ފަށަން އޮތުމެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ އެކަން އެގޮތަށް ކުރެވިދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އަނެއް ސަބަބަކީ ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ފޮނުވި އިރު، ގުނަވަން ހަދިޔާ ކުރެވޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ނުވުމާއި ކުށުގެ ތުހުމަތުގައި ނުވަތަ ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުން ހިމަނާފައި އޮތް ނަމަވެސް، މަޖިލީހުން ބިލު ފާސްކުރި އެ ދެ ޝަރުތު އުނިކޮށްފައި އޮތުމެވެ.

މީހެއްގެ ރުހުމާ ނުލައ،ި ޓްރާންސްޕްލާންޓް ކުރުމަށްޓަކައި އެ މީހެއްގެ ހަށިގަނޑުން ގުނަވަނެއް ނުވަތަ ގުނަވަނުން ބައެއް ނެގުމަކީ ނުވަތަ އެފަދައިން ނަގާ ގުނަވަނެއް ނުވަތަ ގުނަވަނުން ބައެއް ޓްރާންސްޕްލާންޓް ކުރުމުގެ އަދަބާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހާމެދުވެސް ރައީސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އެގޮތުން ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅި އިރު، އެ ކުށް ކޮށްފި މީހެއްގެ އަދަބެއްގެ ގޮތުގައި ކަނޑައެޅީ 150،000 ރުފިޔާ އާއި 250،000 ރުފިޔައާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާ އެކު 12 މަސް ދުވަހާއި 18 މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ރައްޔިތުންގެ މަޖިލީހުން އިސްލާހު ގެނެސް ފާސްކުރި އިރު، އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައެޅީ ގިސާސް ހިފުން ނުވަތަ އެ ގުނަވަނަކަަށް އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ދިޔައެއް އެ މީހަކަށް ހޯދައިދިނުމާ އެކު 250،000 ރުފިޔާ އާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާ އެކު 18 މަސް ދުވަހާއި 24 މަސް ދުވަހާ ދެމެދުގެ މުއްދަތަށް ޖަލަށްލުމަށެވެ.

ރައީސް ވިދާޅުވެފައި ވަނީ އެ ކުށަކީ ތަފާތު ތިން ކަމެއް ނުވަތަ ތިން އަމަލެއް ހިމެނޭ ގޮތަށް ކަނއަޅާފައިވާ ކުށެއް ކަމަށާއި އޭގެން ކޮންމެ ކަމަކީ ނުވަތަ އަމަލަކީ އިސްލާމީ ޝަރީއަތުގައި ގިސާސް ހިފުމަށް ޝަރުތު ފުރިހަމަ ނުވެދާނެ ކަމަކަށް ވެދާނެ ކަމަށެވެ.

އެހެންކަމުން އެ މާއްދާގައި ބަޔާންކުރާ ކުށުގެ އަމަލުގެ މައްޗަށް ހިނގާނެ އަދަަބުގެ ސާފު ދާއިރާއެއް ކަނޑައެޅުމެއްނެތި މިހާރު ބިލުގައި ހިމަނާފައިވާ އަދަބު ތަންފީޒު ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތި ވާނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

އަދި އެގޮތަށް އެ އަދަބު ތަންފީޒު ކުރުމަކީ އިސްލާމީ ޝަރީއަތުގައި ގިސާސްގެ އަދަބު ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭރުން، އެ ކުށް ކުރާ ފަރާތްތަކުގެ މައްޗަށް އެ އަދަބު ތަންފީޒު ކުރެވިގެން ދިއުމުގެ އިހުތިމާލު އޮތް ކަމެއް ކަމަށްވެސް ފާހަގަކުރެއްވި އެވެ.

ރައީސްގެ ކަންބޮޑުވުންތައް ހައްލުކުރުމަށްފަހު ގުނަވަން ބިލު ރައްޔިތުންގެ މަޖިލީހުން އަލުން ފާސްކުރީ 14 ޖުލައި 2026 ގައެވެ.

ރައީސް މި ބިލު މިއަދު ތަސްދީގު ކުރެއްވުމާއެކު، އިންސާނުންގެ ގުނުވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މިހާރު ވަނީ ގާނޫނަކަށް ވެފަ އެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ އަންނަ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާތާ ދެ މަސް ދުވަހުގެ ތެރޭގައި އޯގަން ޓްރާންސްޕްލާންޓް ކައުންސިލް އުފައްދަން ޖެހޭނެ އެވެ.