ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ އަދި ދިގު މުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ، މި ސިނާއަތުގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޗަމްޕާ ހުސެއިން އަފީފާއި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އަށް ދިވެހި ދައުލަތުގެ އެންމެ މަތީ އިއްޒަތް ކަމަށްވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނ.އ.އ.ވ) މިއަދު އަރުވައިފި އެވެ.
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބަކީ ގައުމީ އަދި ބައިނަލްއަގްވާމީ ހިދުމަތްތައް ފާހަގަކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން އަރުވާ މަތީ އިއްޒަތެކެވެ. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން ނިސްބަތް ކުރެވެނީ، އައްސުލްތާނުލް ގާޒީ ހަސަން އިއްޒުއްދީން، ސިރީ ކުލަރަންމީބަ ކައްތިރިބަވަނަ މަހާރަދުން (ދޮން ބަންޑާރައިން) ނަށެވެ.
މި އިއްޒަތް ޗަމްޕާ ދެބައިންނަށް އެރުވީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އިއްޒަތް އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ޗަމްޕާ ހުސެއިން އަފީފާއި ޗަމްޕާ މުހައްމަދު މޫސާއަށް ވަނީ 2013 ވަނަ އަހަރު ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތްވެސް އަރުވައިފަ އެވެ. އެއީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައެވެ.
އޭގެ އިތުރުން އެ ދެބައިންނަށް ވަނީ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އިން ސަރަހައްދީ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ފާހަގަކޮށްލެވޭ ޝަހުސިއްޔަތުތަކަށް ދޭ އެވޯޑު ކަމަށްވާ ’ފޭސް އޮފް ސައުތު އޭޝިއާ’ގެ އެވޯޑް 2024 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ. މިއީ ދެކުނު އޭޝިއާގެ ފަތުރުވެރިކަމަށް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް ދިން އެވޯޑެކެވެ.
އަދި 2022 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެން، އެ ދެބައިންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ”ޓޫރިޒަމް ގޯލްޑް އެވޯޑް“ ވެސް ދެއްވައިފަ އެވެ.


