ޑރ. މުހައްމަދު ލަތީފާއި އިބްރާހިމް ރަޝީދު މޫސާއަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނ.އ.އ.ވ) ޑރ. މުހައްމަދު ލަތީފަށާއި އަލްއުސްތާޒު އިބްރާހިމް ރަޝީދު މޫސާއަށް އަރުވައިފި އެވެ

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބަކީ ގައުމީ އަދި ބައިނަލްއަގްވާމީ ހިދުމަތްތައް ފާހަގަކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން އަރުވާ މަތީ އިއްޒަތެކެވެ. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން ނިސްބަތް ކުރެވެނީ، އައްސުލްތާނުލް ގާޒީ ހަސަން އިއްޒުއްދީން، ސިރީ ކުލަރަންމީބަ ކައްތިރިބަވަނަ މަހާރަދުން (ދޮން ބަންޑާރައިން) ނަށެވެ.

މި އިއްޒަތް އިބްރާހިމް ރަޝީދު މޫސާއަށާއި ޑރ. މުހައްމަދު ލަތީފަށް އެރުވީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ޑރ. މުހައްމަދު ލަތީފް

ޑރ. މުހައްމަދު ލަތީފު ވަނީ ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވައިފަ އެވެ. ހިދުމަތުގެ އެންމެ ދިގު މުއްދަތެއް ހޭދަކުރެއްވީ ރާއްޖޭގެ ތައުލީމީ ދާއިރާގައެވެ. އެ ދާއިރާގެ ހިދުމަތުގައި 22 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވި އިރު، އޭނާ ފުރުއްވި އެންމެ އިސް އެއް މަގާމަކީ އެޑިއުކޭޝަން މިނިސްޓަރުކަމުގެ މަގާމެވެ.

ކިޔަވައިދިނުމުގެ މަންހަޖު އެކުލަވައިލައި، ޓީޗަރުން ތަމްރީނު ކުރުމުގެ ހާއްސަ މަރުކަޒެއްގެ ގޮތުގައި ”އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރު“ އުފެދިގެން ދިޔުމުގައްޔާއި އޭގެ ފަހުން ޓީޗަރުން ތަމްރީން ކުރުމަށްޓަކައި ”މުދައްރިސުންގެ ތައުލީމީ މަރުކަޒު“ އުފެދިގެން ދިޔުމުގައްޔާއި ”މޯލްޑިވްސް ސެންޓަ ފޮ މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން“ އުފެދި ތަރައްގީ ކުރެވިގެން ދިޔުމުގައިވެސް ޑރ. މުހައްމަދު ލަތީފް އަދާކުރެއްވި ދައުރު ވަރަށް މުހިންމެވެ.

އޭގެ އިތުރުން ރާއްޖޭގެ ފުރަތަމަ ކޮލެޖް ”މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިޔުކޭޝަން“ 1998 ވަނަ އަހަރު ގާއިމު ކުރެވިގެން ދިޔައިރު، އެ ކޮލެޖު ގާއިމުކުރެއްވުމަށްޓަކައި އެޑިއުކޭޝަން މިނިސްޓަރުގެ ހައިސިއްޔަތުން އޭނާ މުހިންމު ދައުރެއް އަދާކުރެއްވި އެވެ.

އަދި ރާއްޖޭގެ ފުރަތަމަ އަދި ދެވަނަ އެޑިއުކޭޝަން މާސްޓާ ޕްލޭން އެކުލަވައިލުމުގެވެސް މޭސްތިރިއަކީ ޑރ. މުހައްމަދު ލަތީފެވެ.

އޭނާ ވަނީ ރާއްޖޭގެ ހާރިޖީ ދާއިރާގައިވެސް ހިދުމަތް ކުރައްވައިފަ އެވެ. އެގޮތުން ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ތިންވަނަ ސެކްރެޓަރީ ކަމާއި އދ. ގައި ހުންނަ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމުވެސް ފުރުއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގައާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގައިވެސް ހިދުމަތް ކުރެއްވި ޑރ. މުހައްމަދު ލަތީފު ވަނީ ރާއްޖޭގެ ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމާއި ފަހުން އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމުވެސް އަދާކުރައްވައިފަ އެވެ. އޭނާ އެންމެ ފަހުން ހުންނެވީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ޗާންސެލަރުގެ މަގާމުގައެވެ.

އިބްރާހިމް ރަޝީދު މޫސާ

އިބްރާހީމް ރަޝީދު މޫސާއަކީ، ރާއްޖެއަށް ތަފާތު އެކި ރޮނގުރޮނގުން ހިދުމަތް ކުރައްވައިފައިވާ، މިހާރުވެސް އެ ހިދުމަތުގައި ދެމިހުންނެވި އިލްމުވެރި ބޭފުޅެކެވެ. އޭނާގެ ހިދުމަތް އެންމެ ފާހަގަވެގެން ދަނީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނީ އިލްމު އުނގަންނައިދެއްވުމާއި ދީނީ އެކި ފޮތްފޮތް އެކުލަވައިލެއްވުމުގެ ރޮނގުން ކުރައްވައިފައިވާ އަގުހުރި މުހިންމު މަސައްކަތްތަކަށެވެ.

އިބްރާހީމް ރަޝީދު މޫސާ، މިސްރުގެ އަލް ޖާމިއުލް އަޒުހަރުން މަތީ ތައުލީމު ހާސިލު ކުރައްވައިގެން ރާއްޖެ ވަޑައިގަތުމަށްފަހު، ފުރަތަމަ އަދާކުރެއްވީ، މަޖީދިއްޔާ ސްކޫލުގެ ހިސާބު ޓީޗަރެއްގެ މަގާމެވެ. އަދި ފަހުން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖޭގައި އުފެއްދި އަރަބި އިސްލާމީ ތައުލީމު ދޭ މަދަރުސާ ކަމަށްވާ މައުހަދުއްދިރާސާތިލް އިސްލާމިއްޔާ އުފައްދަވައި ހިންގެވުމުގައި އިބްރާހިމް ރަޝީދުގެ ހިއްސާ ބޮޑެވެ.

އިބްރާހީމް ރަޝީދު މޫސާއަކީ، ދީނީ ރޮނގުން އެތައް ފޮތްތަކެއް އެކުލަވައިލައްވައި ޝާއިއުކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، 11 ފޮތެއް ތަރުޖަމާ ކުރައްވައިފައިވާއިރު، ތަސްނީފު ކުރައްވައި ޝާއިއު ކުރައްވައިފައިވާ ފޮތްތަކުގެ އަދަދުވެސް ފަންސާހަށްވުރެ ގިނަ އެވެ. އަދި ދިވެހިރާއްޖޭގެ އަޑާއި މައުހަދާއި ގުޅިގެން ”ޤުރްއާން ކިޔަވަން ދަސްކުރަމާތޯ“ މި ނަމުގައި 365 ޕުރޮގުރާމުގެ ސިލްސިލާއަކާއި ”ގުރުއާނާއި ސައެންސް“ގެ ނަމުގައި 52 ޕުރޮގުރާމުގެ ސިލްސިލާއެއްވެސް ލިޔުއްވި އެވެ.

އޭގެ އިތުރުން ކޮންމެ ރޯދަމަހަކު ޓީވީއެމް އިން ގެނެސްދޭ ”مُحَمَّـد رســول اللّـه“ ސިލްސިލާގެ ހުރިހާ ޕުރޮގުރާމުތަކެއް ދިވެހިބަހަށް ތަރުޖަމާ ކޮށްދެއްވައިފައިވަނީވެސް އިބްރާހީމް ރަޝީދު މޫސާ އެވެ.

ނޫސްވެރިކަމުގެ ރޮނގުންވެސް އޭނާ ވަނީ ހާއްސަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އެގޮތުން ތަފާތު މަޖައްލާތަކާއި ނޫސްތަކުގެ މަސްއޫލުވެރިކަމުގެ އިތުރުން، ސެކްރެޓެރީކަމާއި މުގައްރިރުކަންވެސް ކުރައްވައިފައި ވެއެވެ. ”އަމާޒު“ މަޖައްލާއަށާއި، ”ފަތްތޫރަ“ މަޖައްލާއަށާއި އަދި އެހެނިހެން މަޖައްލާތަކަށްވެސް އެކިއެކި ލިޔުންތައް ލިޔުއްވަމުން ގެންދެވި އެވެ.

އިބްރާހީމް ރަޝީދު މޫސާއަކީ، 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވައި، އިސް މަގާމުތަކެއް ފުރުއްވައިފައިވާ ބޭފުޅެކެވެ. އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވީ މައުހަދުގައާއި އަދި ފަހުން ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގައެވެ. 17 ނޮވެންބަރު 2018 ގައި ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ރައީސް ކަމުގެ މަގާމުގައެވެ.