ރައްޔިތުންގެ ޝަކުވާތައް ހުށަހަޅަން އުފެއްދި އޮފީސް ސެޕްޓެމްބަރު މަހު ހުޅުވަނީ

ރައީސް މުއިއްޒު, އުމުރުން ދުވަސްވީ މީހެއް ދައްކާ ވާހަކަ އަޑުއައްސަވަނީ --- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް ރައީސް އޮފީހުގައި ގާއިމުކުރި ހާއްސަ އޮފީސް އަންނަ ސެޕްޓެމްބަރު މަހު ނިމެންވާއިރަށް ހުޅުވިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންނާ ވީހާވެސް ގާތުން, ރައްޔިތުންގެ އަޑުއަހައިގެން ހިންގާ ސަރުކާރެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ކަމަށް ބުނެ, ރައްޔިތުންގެ ޝަކުވާތައް ހުށަހަޅަން ރައީސް އޮފީހުގައި ހާއްސަ އޮފީހެއް ގާއިމުކުރީ 16 އޭޕްރިލް 2026 ގައެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, އެ އޮފީސް ހުޅުވިގެން ދިއުމާއެކު މުޅި ސަރުކާރުގެ ނިޒާމުގެ ތެރެެއިން އެކި ކަހަލަ ކަންކަމުގައި ހުރި ކަންބޮޑުވުންތަކަށް ހައްލުތައް ގެނެސްދެވޭނެ ކަމަށެވެ. އެއާއެކު ކޮންމެ އިދާރާއެއް, ކޮންމެ އޮފީހެއްގެ ތެރޭގައިވެސް މިހާރަށްވުރެ ބޮޑަށް ސިޓީތަކަށް ޖަވާބުދިނުމާއި ފޯނަށް ޖަވާބު ދިނުން ފަދަ ކަންކަންވެސް ރަނގަޅު ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުން ޝަކުވާ ހުށަހެޅުމަށް ގާއިމުކުރި އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، ރައްޔިތުން ހުށަހަޅާ ޝަކުވާތައް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖުކޮށް، ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހޯދައި، އެ ޝަކުވާތަކަށް އަވަސް ޖަވާބެއް ފޯރުކޮށްދިނުމެވެ. އަދި މި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމުކުރެވޭނެ ކަމަށްވެސް ބުންޏެވެ.

އެ އޮފީހުގެ ވެރިއަކަށް މިދިޔަ މެއި މަހުގެ ތެރޭގައި ވަނީ މުހައްމަދު މާހިދު ޝަރީފު އައްޔަންކޮށްފަ އެވެ. އޭނާ އައްޔަންކުރީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސްގެ މަގާމަށެވެ. އެއީ މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.