މަޖިލީހަކީ ޖަނަވާރު ކޮއްޓެކޭ ރައްޔިތުން ބުނޭ، އެހެން ބުނުމުގެ ފުރުސަތެއް ނުދޭނަން: ސަލީމް

އަހުމަދު ސަލީމް ---

ރައްޔިތުންގެ މަޖިލީހަކީ ބަކަރި ކޮށްޓެކޭ ނުވަތަ ޖަނަވާރު ކޮށްޓެކޭ ރައްޔިތުން ބުނަމުން އަންނަ ކަމަަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަލީމް އެހެން ވިދާޅުވީ، ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި އެނދި ކުނިތައް، ހދ. ކުނބުރުދޫގައި ހަދަން ފަށާފައިވާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަށް ގެންދިއުމަށް ނިންމުމުން އެކަމާ ދެކޮޅަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ކަންބޮޑުވުން ފާޅުކުރައްވައި ތަޅުމުގައި އަޑުގަދަ ކުރެއްވުމުން، އެކަން ނުކުރެއްވުމަށް ނަސޭހަތްތެރިވުމަށްފަހު ފިއްޓޭ ތަޅުމުން ބޭރު ކުރެއްވުމަށްފަހު އެވެ.

ސަލީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ އިއްޒަތްތެރި މަޖިލީހެއް ކަމަށާއި މަޖިލީހުގައި މަސައްކަތް ކުރަންވާނީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއި ކެތްތެރިކަމާއެކު ކަމަށެވެ

”އިއްޒަތްތެރި މެންބަރުން، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ އަޅުގަނޑުމެންގެ މި އިއްޒަތްތެރި މަޖިލީހަކީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ތަންކޮޅެއް ކެތްތެރިކަމާއެކު މަސައްކަތްކުރަން ޖެހޭ މަޖިލީހެއް. އަޅުގަނޑުމެންނަށް މިހާރު ވެސް ރައްޔިތުން އެބަ ބުނޭ މިއީ ބަކަރި ކޮށްޓެކޭ ނޫނީ ޖަނަވާރު ކޮށްޓެކޭ. އެހެންވީމާ އެ ލެވެލް އަށް އަޅުގަނޑުމެން ނުދަމާ ހިނގާށޭ. ތަންކޮޅެއް ތަސައްރަފު ފުދޭ ބަޔަކަށް އަޅުގަނޑުމެން ވާން ހިނގާށޭ،“ ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ، އޭނާ ރިޔާސަތުގައި އިންނަވައިގެން މަޖިލިސް ޖަނަވާރު ކޮއްޓަކަށް ހެދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.