މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅައި އާއްމުކުރާ ރަސްމީ ރޭޓަށްވުރެ އަގުބޮޑުކޮށް ޑޮލަރު ވިއްކައި އިޝްތިހާރު ކުރުން ކުށަކަށް ހަދައި، ބޭރު ފައިސާއާބެހޭ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މިއީ ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރުގެ ރޭޓުން މާރުކުރުމަށް ”ކެޓެގަރީ އޭ“ ގައި ހިމެނޭ ރިސޯޓުތަކަށް ގާނޫނުން ދީފައިވާ އިހުތިޔާރު އުވާލައި، ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު މި މަހުގެ 12 ވަނަ ދުވަހު މަޖިލިހަށް ހުށަހެޅި ބިލެކެވެ.
އެ ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ބިލު ދިރާސާކޮށް މަޖިލިސް ތަޅުމަށް ފޮނުވި ނަަމަވެސް ބިލަށް އިތުރު ބަދަލުތަކެއް ގެންނަންޖެހޭތީ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެ ބިލު ވަނީ އިތުރަށް ދިރާސާ ކުރުމަށް އަނބުރާ މާލިއްޔަތު ކޮމިޓީއަށް ފޮނުވާލައިފަ އެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި އަގުބޮޑުކޮށް ޑޮލަރު ވިއްކައި އިޝްތިހާރު ކުރުން ކުށަކަށް ހަދަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ.
އޭނާ ހުށަހެޅުއްވި އިސްލާހުގައި ވަނީ އެއްވެސް ފަރާތަކުން، ބޭރު ފައިސާ ގަނެވިއްކުމަށް އޮތޯރިޓީން ރަސްމީކޮށް ކަނޑައަޅައި އާންމުކޮށްފައިވާ ރޭޓް ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅާފައިވާ ބޭންޑުގެ ބޭރުން، އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ވިއްކުމަކީ ނުވަތަ ވިއްކަން މަސައްކަތް ކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި އެ ކުށުގެ އަދަބަކީ ކުށުގެ ކުޑަބޮޑު މިނަން ބަލައި، 25،000 ރުފިޔާއާއި އެއް މިލިއަން ރުފިޔާ އާއި ދޭތެރޭ އަދަދަކުން ޖޫރިމަނާކުރުމަށްވެސް ހުށަހެޅި އެވެ.
މީގެ އިތުރުން އެމްއެމްއޭއިން ކަނޑައަޅާފައިވާ ރަސްމީ ރޭޓް ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ ބޭންޑުގެ ބޭރުންކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް، ނުވަތަ އަގެއްގައި ބޭރުފައިސާ ގަނެ ވިއްކުން އިޝްތިހާރު ކުރުމަށްޓަކައި، ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި، ނުވަތަ އެކަން ފެތުރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތަކުން ނުވަތަ ޕްލެޓްފޯމަކުން ނުވަތަ އެ ނޫންވެސް ގޮތަކުން އާއްމުކޮށް އެނގޭނެހެން އެ މައުލޫމާތު ހާމަކުރުމާއި ޝާއިއު ކުރުމާއި ފެތުރުމާއި ތަކުރާރު ކުރުމާއި ފޯރުކޮށްދިނުމަށް ކަނޑައަޅަންވެސް ހުށަހެޅި އެވެ.
އަދި އެ ކުށުގެ އަދަބަކީ 25،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިނަމާ ކުރުން ކަމަށް ހިމަނަންވެސް ހުށަހެޅި އެވެ.
މި ގާނޫނުގައި މަނާކަމެއްކަމަށް ކަނޑައަޅާފައިވާ ކަންކަމަށް އަޅާ އިދާރީ ފިޔަވަޅުގެ އިތުރުން އެ ފަރާތަކާމެދު ޖިނާއީ ދައުވާ ކުރެވޭނެ ކަމަށްވެސް ވަނީ ކަނޑައަޅައިފަ އެވެ. ކުށް ކޮށްފައިވަނީ ގާނޫނީ ޝަހުސެއް ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއަކުން ނަމަ އެ ފަރާތެއް 100،000 ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރަންވެސް ވަނީ ހިމަނައިފަ އެވެ.


