ދެވަނަ ކުއާޓަރު؛ ވެލާނާ އެއާޕޯޓުގެ އެއާ ޓްރެފިކް މޫވްމަންޓް ބޮޑުކޮށް ދަށަށް!

ވީއައިއޭގައި ފްލައިޓްތައް ޕާކުކޮށްފައި ---

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އެއާ ޓްރެފިކް މޫވްމަންޓް 32 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

ވީއައިއޭ އިން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިރު, މި އަހަރުގެ ދެވަނަ ކުއާޓަރު (އޭޕްރިލް އިން ޖޫންއަށް) އެއާ ޓްރެފިކް މޫވްމަންޓްގެ އަދަދަކީ 48,966 އެވެ.

މިއީ މި އަހަރުގެ ފުރަތަމަ ކުއާޓަރު (ޖަނަވަރީން މާރިޗަށް) ރެކޯޑް ކުރެވުނު އެއާ ޓްރެފިކް މޫވްމަންޓަށްވުރެ 32 ޕަސެންޓް ދަށް އަދަދެކެވެ. އެ މުއްދަތުގައި 72,128 އެއާ ޓްރެފިކް މޫވްމަންޓް ރެކޯޑް ކުރެވިފައިވެ އެވެ.

ވީއައިއޭ އިން ދިން މައުލޫމާތަށް ބަލާއިރު ފުރަތަމަ ކުއާޓަރުގައި އިންޓަނޭޝަނަލް މޫވްމަންޓް އުޅުނީ 9,978 ގައެވެ. ދެވަނަ ކުއާޓަރުގައި އެ އަދަދު 33 ޕަސެންޓް ދަށްވެ, 6,714 އަށް ވަނީ ވެއްޓިފަ އެވެ.

ފުރަތަމަ ކުއާޓަރުގައި ޑޮމެސްޓިކް މޫވްމަންޓް އުޅުނީ 7,556 ގައެވެ. ދެވަނަ ކުއާޓަރުގައި އުޅުނީ 5,957 ގައެވެ. މިއީ 21 ޕަސެންޓުގެ ދަށްވުމެކެވެ.

ސީޕްލޭން މޫވްމަންޓަށް ބަލާއިރު ފުރަތަމަ ކުއާޓަރުގައި މޫވްމަންޓް އުޅުނީ 54,594 ގައެވެ. ދެވަނަ ކުއާޓަރުގައި އެ އަދަދު ވަނީ 34 ޕަސެންޓް ދަށްވެ, 36,295 އަށް ވެއްޓިފަ އެވެ.