މޮބައިލް ނެޓްވޯކް ނުލިބޭ މައްސަލަ ބޮޑުވެ, އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ފަތޭހްޕޫރު އަވަށުގެ ރައްޔިތުން ޓެކްނީޝަނަކު މޮބައިލް ޓަވަރެއްގައި ބަނދެފި އެވެ.
އިންޑިއާގެ އެންޑީޓީވީ ނޫހުގައި ބުނެފައިވާ ގޮތުން އެ އަވަށުގެ ރައްޔިތުން އެހެން ހެދީ އެންޓަނާއެއް ހުރި ނަމަވެސް ނެޓްވޯކުގެ މައްސަލަ, ހައްލުނުވެ ދިގުލައިގެންދާތީ އާއި އެ މައްސަލަ ހައްލުކުރަން ތަކުރާރުކޮށް ޝަކުވާ ހުށަހެޅުމުންވެސް އެއްވެސް ނަތީޖާއެއް ނުނިކުންނާތީ އެކަން މޮބައިލް ހިދުމަތް ދޭ ކުންފުނީގެ ސަމާލުކަމަށް ގެނައުމަށް ކަމަށެވެ.
އެގޮތުން އެ މީހުން 5ޖީ ހިދުމަތްތަކަށް ޕްރީޕެއިޑް ރީޗާޖު ކުރަމުން ދިޔަ ނަމަވެސް، ނެޓްވޯކް ދަށްވުމުގެ ސަބަބުން އިންޓަނެޓް ބޭނުންކުރުމަށާއި ފޯނު ކޯލް ކުރުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭ ކަމަށް ބުންޏެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގެ ވީޑިއޯއެއް އިއްޔެ އިން ފެށިގެން ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯގައި ފެންނަނީ ނެޓްވޯކް މައްސަލަ ހައްލުކުރަން ދިޔަ ޓެކްނީޝަނަކު ބަނދެފައި ހުރި މަންޒަރާއި އޭނާ ކައިރީގައި ގިނަ އަދަދެއްގެ މީހުން އުޅޭ މަންޒަރެވެ.
އެ ވީޑިއޯ ރެކޯޑުކުރި މީހާ ބުނާ ގޮތުން, ރައްޔިތުން އެ ފިޔަވަޅު އެޅީ ވޭތުވެދިޔަ ދެ އަހަރު ދުވަހު އެ ސަރަހައްދަށް ދިމާވެފައިވާ ނެޓްވޯކްގެ މައްސަލަތަކުގެ ސަބަބުން ކެތްތެރިކަން ކޮޅުންލައިގެންނެވެ. އަދި ޓެލެކޮމް ކުންފުނީގެ އިސްވެރިން އެ އަވަށަށް އައިސް އެ މީހުންގެ މައްސަލަ ހައްލުކޮށްދިނުމުން ނޫނީ ޓެކްނީޝަން ދޫނުކުރާނެ ކަމަށް އެ މީހުން ބުންޏެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް ޓެކްނީޝަން ވަނީ މިނިވަންކޮށްފަ އެވެ. އަދި ހާދިސާ ހިނގައިދިޔަ ގޮތް ބަލައި, އެކަމުގައި ބައިވެރިވި މީހުން ހޯދުމަށް ފުލުހުން ދަނީ ތަހުގީގެއް ހިންގަމުންނެވެ.


