ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ޑޮލަރުގެ އަގު ތިރިކުރާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެ, އޭރު ދެއްކެވި ވާހަކަ ވަނީ އޮޅުވާލާފައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު އެ ސުވާލުކުރުމުން ސައީދު ވިދާޅުވީ, އެ ވާހަކައަކީ އޭނާ ދެއްކެވި ވާހަކައިގެ ބައެއް ކަމަށާއި އެ ވާހަކަ ނަގައިގެން ދެއްކުމަކީ އޮޅުވާލުން ކަމަށެވެ.
”ސަރުކާރަށް މެޖޯރިޓީ ލިބިއްޖެނަމަ ރަސްމީ ރޭޓަށް ޑޮލަރު ގެނައުމަށް މަސައްކަތްކުރާނެ ވާހަކަ. އެއީ ވާހަކައެއްގެ މުޅި ޖުމްލަ ބޮޑު ސްޕީޗެއްގެ ތަންކޮޅެއް ތި ވިދާޅުވަނީ. އޭގައި ދިޔަ އަނެއްބައި ބައިވެސް އަޑުއައްސަވާ. މިއީވެސް މެނިޕިއުލޭޓް ކުރުމެއް އިނގޭތޯ. މިއީ އެ ޖުމްލަ ވާހަކައަކީ ރާއްޖޭގެ އިގުތިސާދު ހަމައަކަށް އެޅުވުމާއި ރާއްޖެ ވެއްޓިފައި އޮތް ދަރަނީގެ ދަންތުރައިން ސަލާމަތްކުރުމާއި ބޮޑު ދަރަނި އަދާކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ވާގިވެރިވާނެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެޖޯރިޓީއެއް ލިބިއްޖެނަމަ ވަރަށް ފަސޭހަވާނެ މި ކަންކަން ކުރަން. އެކަން މިއަދު އިރާދަކުރެއްވިއްޔާ ފެނިގެން މި ދަނީ. އެއީ އަޅުގަނޑުގެ ޖުމުލަ ވާހަކައިގެ ސްޕްރިޓަކީ,“ ސައީދު ވިދާޅުވި އެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޖެމްޕެއިން ދުވަސްވަރު ލ. މާވަށުގައި ބޭއްވި ޖަލްސާއެއްގައި ސައީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް ލިބިއްޖެ ނަމަ ޑޮލަރުގެ އަގު 15.42ރ. އަށްވުރެވެސް ތިރި ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.


