މިނިސްޓަރު ފެންވަރުގައި ރައީސްގެ އޮފީހަށް ދެ ބޭފުޅުން، މުސާރައަށް މަހަކު 66،000ރ.

ރައީސްގެ އޮފީހުގެ ދެ މަގާމަކަށް މިނިސްޓަރުންގެ ފެންވަރުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު، ދެ ބޭފުޅަކު މިއަދު އައްޔަންކުރައްވައިފި އެވެ.

މިއަދު އައްޔަންކުރެއްވި ދެ ބޭފުޅުންނަކީ:

  • ރައީސްގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓާޝަރީ ހެލްތް ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު/ މުހައްމަދު ތަލާލް
  • ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ/ ޝިފާ، އަހްމަދު ހަބީބް

މީގެ ކުރިންވެސް ސަރުކާރުގެ އިސް މަގާމުތަކެއް އަދާކުރެއްވި ތަލާލް މީގެ ކުރިން ހުންނެވީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގަ އެވެ. އޭގެ ކުރިން އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގެ ސީނިއާ ކަރިކިއުލަމް ޑިވެލޮޕަރުގެ މަގާމާއި އިލެކްޝަންސް ކޮމިޝަންގެ އެސިސްޓަންޓް ޑިރެކްޓަރު ޖެނެރަލްކަމުގެ މަގާމާއި ޑިރެކްޓަރު ޖެނެރަލްކަމުގެ މަގާމާއި ޔޫތް މިނިސްޓްރީގެ ޓެކްނިކަލް އެޑްވައިޒާ ޓު ދަ މިނިސްޓަރުކަމުގެ މަގާމާއި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން އަދާކުރައްވާފަ އެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ކުރިން ހުންނެވި ހަބީބަކީ ވިލާ އެއާގެ ޖެނެރަލް މެނޭޖަރެއްގެ އޭގެ އިތުރުން ވިލާ ހަކަތައިގެ މެނޭޖަރުގެ މަގާމާއި ވިލާ އެއާގެ ކާޑެއްދޫ އެއާޕޯޓްގެ ޑެޕިއުޓީ މެނޭޖަރުކަން އޭނާ އަދާކުރެއްވި އެވެ.

ހަބީބް ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން މާސްޓަ އޮފް ސައިންސް އިން ޕްރޮޖެކްޓް މެނޭޖްމަންޓް ޑިގްރީ ހާސިލުކުރައްވައިފަ އެވެ.

ރައީސް އޮފީހުން ލިބެން ހުރި މައުލޫމާތަށް ބަލާއިރު މިނިސްޓަރު ފެންވަރުގެ ބޭފުޅަކަށް މުސާރައާއި އެލަވަންސްގެ ގޮތުގައި މަހަކު 66،000ރ. ލިބިވަޑައިގަންނަވަ އެވެ. އެއީ:

  • މުސާރައިގެ ގޮތުގައި 42،500ރ.
  • ލިވިން އެލަވަންސްގެ ގޮތުގައި 15،000ރ.
  • އެކްސްކުލޫސިވް ޖޮބް އެލަވަންސްގެ ގޮތުގައި 7،500ރ.
  • ފޯން އެލަވަންސްގެ ގޮތުގައި މަހަކު 1،000ރ.