ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ރ. ފުއްގިރީގައި ޓަވަރެއްގެ މަތީގައި މަސައްކަތް ކުރަމުންދިޔަ މީހަކު ވެއްޓި ބޮޑެތި އަނިޔާތަކެއްވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ހާދިސާގައި ޓަވަރުގެ މަތިން ވެއްޓިފައިވަނީ 25 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ވެއްޓިފައިވަނީ ގާތްގަނޑަކަށް 25 ފޫޓު މަތިން ކަމަށެވެ.
އަދި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އޭނާއަށް މިހާރު ފަރުވާ ދެމުންދާއިރު އެ މީހާގެ ހާލު މިވަގުތު ސީރިއަސް ނޫން ކަމަށްވެސް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް އެ އިދާރާ އިން ބުނެ އެވެ.
ނަމަވެސް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ ހުސެއިން އާސިފް ’ހަފްތާ‘ އަށް މިރޭ ވިދާޅުވި ގޮތުގައި، އެ ހޮސްޕިޓަލަށް ގެނައީ އިންޑިއާ މީހެއް ކަމަށާއި އޭނާގެ އުނަގަނޑުގެ އެކި ދިމާލުންނާއި ޕެލްވިސް ބިންދައިގެން ގޮސްފައިވާ ކަމަށެވެ.
އަދި އިތުރު ފަރުވާއަށް މާލެ ފޮނުވާލަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.


