މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް އަންވަރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ނޮވެމްބަރު 2022 ގައި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އެ މަނިކުފާނު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އަންވަރު އިބްރާހީމް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން، އެ މަނިކުފާނަށް މަރުހަބާ ދެންނެވީ، ރައީސް ޑރ. މުއިއްޒެވެ. ނަމަވެސް މެލޭޝިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި، ރަސްމީ އިއްޒަތުގައި މަރުހަބާ ދެންނެވުން އޮންނާނީ މާދަމާ އެވެ.
ރައީސް އޮފީހުން ބުނީ، އަންވަރު އިބްރާހީމްގެ މި ދަތުރުފުޅުގައި، ރައީސް ޑރ. މުއިއްޒާއެކު، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ބާއްވަވައި، ދެ ގައުމުގެ އިސްވެރިންގެ ހާޒިރުގައި ބައެއް އެމްއޯޔޫތަކުގައި ސޮއިކުރައްވައި އެކަމުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި ދެ ގައުމުގެ ލީޑަރުންގެ މެދުގައި ކުރިއަށްގެންދެވި މަޝްވަރާތަކުގެ ނަތީޖާއާ ގުޅޭގޮތުން ދެބޭފުޅުންވެސް ނޫސްވެރިންނަށް ބަޔާނެއް ދެއްވާނެ ކަމަށް ބުންޏެވެ.


