ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި ވޯޓާފްރަންޓެއް ހަދަން އަބޫ ދާބީގެ މަޝްހޫރު ކުންފުނި, އީގަލް ހިލްސްއަށް ދިން ގޮތުގެ ސަބަބުން ރާއްޖެއަށް މާލީ ގޮތުން ލިބެންޖެހޭ ފައިދާ ލިބޭތަން ނުފެންނަ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
’މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ’ގެ ނަމުގައި ހިންގާ އެ މަޝްރޫއުއަކީ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރީ 21 ސެޕްޓެމްބަރު 2026 ގައެވެ.
ސަރުކާރުން ބުނެފައިވާ ގޮތުން އެ މަޝްރޫއު ހިންގަން އީގަލް ހިލްސްއަށް ދީފައިވަނީ ރަސްމާލެއިން ހިއްކާ 1150 ހެކްޓަރުގެ ތެރެއިން 500 ހެކްޓަރެވެ. އެއީ ހުޅުމާލެ ފޭސް 1 އަދި 2 އަށްވުރެ ބޮޑު ބިމެކެވެ. އެ ބިން ދެނީވެސް 99 އަހަރަށެވެ.
އެ މަޝްރޫއު ހިންގަން އުޅޭ ގޮތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިބޫ ވިދާޅުވީ, ރަނގަޅު ވިޔަފާރި މުއާމަލާތެއްގައި މުދާ ވިއްކާ ފަރާތާއި ގަންނަ ފަރާތަށް ނުވަތަ ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތަށްވެސް ފައިދާވަންޖެހޭނެ ކަމަށެވެ. ނަމަވެސް ރަސްމާލެއިން 500 ހެކްޓަރު ބިން ހިލޭ, އީގަލް ހިލްސްއަށް ދާއިމަށް ދިނުމުގައި އީގަލް ހިލްސްއަށް އިންތިހާއަށް ފައިދާވާއިރު, ރާއްޖެއަށް މާލީ ގޮތުން ލިބެންޖެހޭ ފައިދާ ލިބޭތަނެއް ނުފެންނަ ކަމަށް ވިދާޅުވި އެވެ.
”500 ހެކްޓަރު ބިން ހިއްކަނީ ދިވެހި ރައްޔިތުންގެ ފައިސާއިން 700 މިލިއަނަށްވުރެ ގިނަ ޑޮލަރު ހޭދަކޮށްގެނެވެ. އީގަލް ހިލްސްއަށް ދެނީ ހިލޭ އެވެ. ދައުލަތަށް ލިބޭ އެއްވެސް ފައިސާއެއް ނެތެވެ. އީގަލް ހިލްސް އިން އަޅާނެ ކަމަށް ބުނެ 5,000 ހައުސިން ޔުނިޓް ޖެހެނީ ދިވެހި ސަރުކާރުން ގަންނާށެވެ,“ އިބޫ ވިދާޅުވި އެވެ.
އިބޫ އިތުރަށް ވިދާޅުވީ, މި މަޝްރޫއު މިހާރު ރޭވިފައިވާ ގޮތުން މުސްތަގުބަލުގައި މުޅި ގައުމަށް ބޮޑެތި އެތައް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ތަން ފެންނަ ކަމަށެވެ. އެހެންކަމުން އެ މަޝްރޫއު މިހާރު ރޭވިފައިވާ ގޮތަށް ކުރިއަށް ނުގެންގޮސް ހުއްޓާލަން އިލްތިމާސް ކުރެއްވި އެވެ.


