ސެޕްޓެމްބަރ 22, 2024

ރާއްޖެއަކީ ވަކި ޤައުމެއްގެ ބެކް ޔާޑްގަ އޮތް ޤައުމެއް ނޫން، ”މިއީ މިނިވަން ޤައުމެއް“: ރައީސް

ދިވެހިރާއްޖެއަކީ ވަކި ޤައުމެއްގެ ބެކް ޔާޑްގަ އޮތް ޤައުމެއް ނޫންކަމަށާއި، ރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމެއްކަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މިހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން އެ ދަތުރުފުޅާ ބެހޭ މަޢުލޫމާތު މީޑިއާއަށް ހިއްސާ ކުރައްވަމުންނެވެ.

ރައީސް ވިދާޅުވީ އިންޑިޔާ ކަނޑުގައި ރާއްޖޭގެ ރަށްތަކުގެ ސައިޒް ކިތަންމެ ކުޑަ ނަމަވެސް ރާއްޖޭގެ އެތެރޭގެ ކަންކަމަށް އެހެން ގައުމުތަކަށް ނުފޫޒު ނުފޯރުވޭނެ ކަމަށާއި، ގައުމުތަކާ އެކު ގުޅުން ބަދަހިކުރުމުގައި އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުމަކީ އޮވެގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދެ ޤައުމުގެ ގުޅުމަކީ ވަރަށް ނަމޫނާ ޒަމާންވީ ގުޅުމެއް ކަމަށެވެ. އެގޮތުން ޗައިނާއާއި ރާއްޖެއާ ދޭތެރޭ އޮންނަ ގުޅުން ބިނާވެގެންވަނީ 4 އަސާސެއްގެ މައްޗަށް ކަމަށާއި، އެއީ، މިއުޗުއަލް ރެސްޕެކްޓް، ސޮވެރިން އިކުއަލިޓީ، ޓެރިޓޯރިއަލް އިންޓަރގްރިޓީ އަދި ނޮން އިންޓަރފިއަރެންސް އިން އިންޓަރނަލް މެޓަރސް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި މި ހުރިހާ ކަމަކަށް ވެސް ޗައިނާއިން އިޙްތިރާމް ކުރާ ކަމަށެވެ. އަދި ރާޢްޖޭގެ ކަންކަމަށް ޗައިނާ ނުފޫޒުނުފޯރުވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Leave a Reply