ތެލެސީމިއާ ސެންޓަރުގެ ކަންކަން ހައްލުކުރަން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ރައީސް އަންގަވައިފި

ތެލެސީމިއާ ސެންޓަރުގެ ހާލަތު ރަނގަޅު ކުރަން ވަގުތުން ވަގުތަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

ތެލެސީމިއާ ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށް ނުދެވޭތީ ތެލެސީމިއާ ބަލީގެ މީހުންނާއި އެ މީހުންގެ އާއިލާގެ މެންބަރުން އެ ސެންޓަރުންގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި ރޭ މުޒާހަރާ ކުރުމުން ރައީސް މިއަދު ވަނީ އެ ސެންޓަރުގެ ހާލަތު ބައްލަވާލައްވަން ވަޑައިގެންފަ އެވެ.

އެއަށްފަހު ރައީސް އޮފީހުގެ މީޑިއާ މެދުވެރިކޮށް ރައީސް ދެއްވި މެސެޖެއްގައި ވިދާޅުވީ ތެލެސީމިއާ ސެންޓަރަށް ކުރެއްވި ޒިޔާރަތުގައި އެތަނުގެ ކަންކަން ވަރަށް ތަފުސީލުކޮށް ބައްލަވައި، ތަނުގެ މުވައްޒަފުންނާއި ބައްދަލުކޮށް ތަނުގެ ހާލަތުވެސް ބައްލަވާފައިވާ ކަމަށެވެ.

އަދި ތެލެސީމިއާ ކުދިންނަށް ދިމާވާ ދަތިތައް ހައްލުކުރެވޭނެ ގޮތްތަކެއް ވަގުތުން ހޯދުމަށްޓަކައި ބައްދަލުވުމެއް ބާއްވައި ކަންކަން ކުރިއަށް ގެންދަންވީ ގޮތުގެ އިރުޝާދު ކަމާބެހޭ ފަރާތްތަކަށް ދެއްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ތެލެސީމިއާ ސެންޓަރުގެ ހާލަތު ރަނގަޅު ކުރަން އަޅަން އެންގެވި ފިޔަވަޅުތައް:

  • މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އިން ހިދުމަތްދޭ ގަޑިތައް ހޮސްޕިޓަލެކޭ އެއް ހަމައަށް އިތުރުކުރުން
  • އެމްބީއެސްއަށް ޑިރެކްޓާ ޖެނެރަލެއް ހަމަޖެއްސުން
  • ހިދުމަތް ރަނގަޅުކުރުމަށް އިންޓާނަލް މެނޭޖްމަންޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
  • މިހާރު ދިމާވެފައިވާ ފިލްޓަރުގެ މައްސަލަތައް ހަލުކުރުމަށް އަވަސް ފިޔަވަޅު އެޅުން
  • ޕޭޝަންޓުންނަށް ހިދުމަތްދިނުމަށް ޑޮކްޓަރުން ހަމަޖެއްސުން
  • އެމްބީއެސްގެ ބިލްޑިން ބާވެ ހަލާކުވެފައިވާތީ އާ އިމާރާތަކަށް ހިދުމަތް ބަދަލުކުރުމުގެ މަސައްކަތްތައް

”މި ގޮތަށް މިކަންކަން އޮތްކަން އަދި މި ހާހިސާބަށް އައި އިރުވެސް ކުރިއެރުމެއް ނާންނަކަން އަޅުގަނޑަށް ނޭންގި އޮތީ، ދެން ގައިމުވެސް ސަރުކާރުގެ އެކިއެކި ފަރާތްތަކާ ތެލަސީމިއާ ކަންތައްތަކުގައި އުޅޭ ފަރާތްތަކުން ބައްދަލުކުރައްވާފައިވޭ. މީގެ ކުރިން މިދިޔަ އަހަރެއްހާ ދުވަސްތެރޭގައި ދެތިން ފަހަރުމަތިން ހަމަ އެކިއެކި ބޭފުޅުންނާ ބައްދަލުކޮށް ހަމަ މައުލޫމާތު ހިއްސާކޮށްފައިވާކަން އަޅުގަނޑަށް އެނގޭ، މިއަދު ބަލައިލީ އިރު ލިޔެކިޔުންތަކެއް އެކަން ސާފުވޭ، ނަމަވެސް އަމަލީ ސިފަ ނުގެނެވި މިއޮތީ،“ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ތެލެސީމިއާ ކުދިންނަށް ދިމާވާ ކަންކަން ހައްލުކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ސީދާ އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި ފައިސާ ހަމަނުޖެހިގެން ކަމެއް ހައްލުނުވެ އޮވެގެން ނުވާނެކަން އެ މަނިކުފާނު ޔަގީންކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.