އޮކްޓޯބަރ 25, 2025

އާ ޓާމިނަލުން ހިދުމަތް ދޭން ފެށި ޔޫރަޕުގެ ފުރަތަމަ އެއާލައިނަކަށް ބްރިޓިޝް އެއާވޭސް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުން ހިދުމަތް ދޭ ޔޫރަޕުގެ ފުރަތަމަ އެއާލައިނަކަށް ބްރިޓިޝް އެއާވޭސް ވެއްޖެ އެވެ.

އާ ޓާމިނަލުން ބްރިޓިޝް އެއާވޭސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެކްޓިން ހައިކޮމިޝަނަރު މުހައްމަދު ތައުފީގު ވައްހާބް އެވެ.

މި ރަސްމިއްޔާތުގައި ބްރިޓިޝް އެއާވޭސްގެ އެއާޕޯޓް މެނޭޖަރު މުހައްމަދު ނިހާން އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބްރިޓިޝް އެއާވޭސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 126 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ބްރިޓިޝް އެއާވޭސްގެ ފުރަތަމަ މަތިންދާބޯޓް BA061 އިން ރާއްޖެ އައި 122 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

އިނގިރޭސި ވިލާތުގެ ގައުމީ އެއާލައިން، ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފެށީ 26 އޮކްޓޫބަރު 2009 ގައެވެ. ބްރިޓިޝް އެއާވޭސް އާއެކު ޓާމިނަލް 1 އިން މިހާރު ދަނީ 13 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.