ޖެނުއަރީ 16, 2026

އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން

އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން ކޮންމެ އުނދަގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަމާއި اللهُގެ ހަޒުރަތުން ވާތްގާއި މަދަދު ހޯދާ މީހާ ނާއުންމީދުވާން ނުޖެހޭނޭކަން އެނގޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

’އިސްރާއާއި މިއުރާޖުގެ އިބުރަތްތައް‘ މި މައުޟޫއުއަށް ދިން ހުކުރު ހުތުބާގައި ބުނީ، މާތްالله އަހަރެމެންގެ ލޮބުވެތި ރަސޫލާއަށް ގިނަގުނަ ނިއުމަތްތަކަކާއި މުއުޖިޒާތް ދެއްވި ކަމަށާއި އެކަލޭގެފާނަށް ދެއްވި މުއުޖިޒާތްތަކުގެ ތެރޭގައި އިސްރާއާއި މިއުރާޖުގެ ދަތުރުފުޅު ހިމެނޭ ކަމަށާއި މި ދަތުރުފުޅަކީ ބޮޑުވެގެންވާ މުއުޖިޒާތެކެއް ކަމަށެވެ. އަދި މިއީ މުސްލިމުންނަށް ކުރިމަތިކުރެއްވި ބޮޑު އިމްތިހާނެއް ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ، ކީރިތި ރަސޫލާގެ އިސްރާއާއި މިއުރާޖުގެ ދަތުރުފުޅަކީ އެކަލޭގެފާނު އިސްލާމީ ދައުވަތު ދެއްވުމުގައި އުފުއްލަވަމުން ގެންދެވި ބުރަތަކަށާއި އެކަމަށް ޓަކައި ތަހައްމަލުކުރެއްވި ދަތިތަކަށާއި ކެތްތެރިވެވަޑައިގަތް ކެތްތެރިވެވަޑައިގަތުމަށް މާތްالله ދެއްވެވި މަތިވެރި އިނާމެއް ކަމަށެވެ.

އަދި އެއީ އެކަލޭގެފާނުގެ ނިޔަނެތި އަދި މަދަދުވެރި އަނބިކަނބަލުން ޚަދީޖަތުގެފާނާއި އެކަލޭގެފާނަށް ޙިމާޔަތްދެއްވުމުގައި ހުންނެވި ލޮބުވެތި ބޮޑުބޭބޭފުޅު އަވަހާރަވުމުގެ ސަބަބުން ލިބިވަޑައިގަތް ހިތާމައަށް ދެއްވެވި ތަސައްލީއެއް ކަމަށްވެސް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ،އަދި އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން ލިބިގަންނާން ޖެހޭ އިބުރަތްތަކުގެ ތެރޭގައި، ހިތުގެ ތާހިރުކަމާއި ސަލާމަތްތެރިކަމާއި އީމާންކަމުން ފުރިގެންވުމުގެ މުހިންމުކަންވާކަން ކަމަށްވެސް ބުންޏެވެ.

ކީރިތި ރަސޫލާއަށާއި އުންމަތަށް މިއުރާޖުގެ ދަތުރުފުޅުގައި މާތްالله ދެއްވެވި އެންމެ ބޮޑު ނިއުމަތަކީ ފަރުޟު ފަސް ނަމާދުކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ، އެއްވެސް މެދުވެރިއަކާ ނުލައި، ރަސޫލާގެ މައްޗަށާއި އެކަލޭގެފާނުގެ އުންމަތުގެ މައްޗަށް ފަރުޟުކުރެއްވި އަޅުކަމެއް ކަމަށެވެ. އެހެންވެ، ނަމާދަކީ މުސްލިމުންގެ މިއުރާޖުކަމަށް އިލްމުވެރީން ވިދާޅުވާ ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، އިސްރާއާއި މިއުރާޖުން ކަށަވަރުވާ އަނެއް ކަމަކީ، އިންސާނާ ކުރާ ކޮންމެ ހެޔޮ ކަމަކަށް މާތް الله މަތިވެރި ސަވާބާއި ދަރުމަ ދެއްވާނޭ ކަމެއް ކަމަށެވެ. އަދި އޭނާގެ ދޫ ރައްކާތެރިކޮށް، اللهގެ މަތީން ހަނދުމަކުރުމުގައި ދެމިހުންނަ މީހާއަށް ގިނަގުނަ ސަވާބު ދެއްވާނޭ ކަމަށްވެސް ބުންޏެވެ.