ޖެނުއަރީ 17, 2026

ސާފް ފުޓްސަލް މުބާރާތް: ބޮޑު ތަފާތަކުން ބަންގްލަދޭޝް ބަލިކޮށް، ރާއްޖެ އެއްވަނައަށް

ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި ބޮޑުތަފާތަކުން ބަންގްލަދޭޝް ވެސް ބަލިކޮށްފި އެވެ.

ބެންކޮކްގެ ނޮންތަންބުރީގައި ކުރިއަށްދާ ސާފް ފިރިހެން ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭން ޕާކިސްތާން ބަލިކުރީ 6-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާ އާއެކު ލީގު އުސޫލުން ކުޅޭ މި މުބާރާތުގެ އެއް ވަނައިގައި ރާއްޖެއިން ވަނީ ލީޑު ނަގައިފި އެވެ. އެއީ ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު އެވެ.

ދެވަނައިގައި އޮތް ނޭޕާލް އާއި ތިން ވަނައިގައި އޮތް ޕާކިސްތާނަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. ނޭޕާލުން އެއް މެޗުން ތިން ޕޮއިންޓް ހޯދިއިރު، ބަންގްލަދޭޝްއަށް ދެ މެޗުން ލިބުނީ ޕޮއިންޓެކެވެ. އަދި އިންޑިއާއަށް އެއް މެޗުން ޕޮއިންޓެއް ލިބިފައިވެ އެވެ. މީގެ ތެރެއިން އިންޑިއާ އިންވެސް ކުޅެފައިވަނީ އެއް މެޗެވެ.

މިއަދުގެ މެޗު ފަށައިގެން މިނެޓެއް ތެރޭގައި ރާއްޖެއިން ލީޑު ނެގި އެވެ. ރާއްޖެއަށް ގޯލު ހުޅުވާލަ ދިނީ ކިކްއިން އަކުން ތަނަވަސްވި ފުރުސަތެއްގައި ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ.

އޭގެ އިރުކޮޅެއް ފަހުން އިޝާން އިބްރާހީމް (ސައްޓު) ރާއްޖޭގެ ދެވަނަ ގޯލް ކާމިޔާބު ކޮށްދިނެވެ. ރާއްޖޭގެ ތިންވަނަ ގޯލު އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) ޖެހި އިރު، ހަތަރު ވަނަ ގޯލު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އަލީ ޝިޔާހު (ޝިޔަޅޭ) އެވެ.

މެޗުގައި ބަންގްލަދޭޝްގެ ހަމައެކަނި ގޯލު ޖެހީ ފުރަތަމަ ހާފު ނިމެން ދަނިކޮށެވެ. މިއީ ބަންގްލަދޭޝްގެ ކާޒީ އިބްރާހިމް އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބު ކުރި ގޯލެކެވެ.

ދެވަނަ ހާފަށް ނުކުމެ، ރާއްޖެ އިން ލީޑު ފުޅާކުރި އެވެ. އެ ގޯލު ކާމިޔާބު ކޮށްދިނީ ކެޕްޓަން އިންމި ކުރި އެޓޭކެއްގައި އޭރިއާ ތެރެއިން ލިބުނު ބޯޅައެއްގައި ރާއްކޮ އެވެ. މެޗުގައި ރާއްޖެއިން ޖެހި ފަހު ގޯލު ޖެހީ އަބްުދުﷲ ޝާފިއު (ޝާއްޕެ) އެވެ.

ރާއްޖޭން ދެން ކުޅޭނީ އިންޑިއާއާ ދެކޮޅަށެވެ. އެއީ މިމަހުގެ 20 ވާ، އަންގާރަ ދުވަހު އެވެ. އެއަށްފަހު ދެން އޮންނާނީ ސްރީ ލަންކާ އާއި ބޫޓާނާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.