ޖެނުއަރީ 17, 2026

އެމްޑީޕީގެ މާލޭގެ މޭޔަރު ޓިކެޓު އާދަމް އާޒިމް ކާމިޔާބުކުރައްވައިފި

އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ޓިކެޓު މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމް ކާމިޔާބު ކުރައްވައިފި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގައި 17 ފޮއްޓެއް މާލޭގެ ދާއިރާތަކަށް ހާއްސަކޮށް ބެހެއްޓި އިރު، މިހާތަނަށް ގުނި ހުރިހާ ފޮށްޓެއްހެން ކާމިޔާބު ކުރައްވާފައިވަނީ އާދަމް އާޒިމް އެވެ.

އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ އާދަމް އާޒިމްއާ ވާދަކުރެއްވީ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމެވެ.

އެމްޑީޕީން ވަކިވެވަޑައިގެން އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް ކުރީގެ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްގެ އިސްކޮށް އުޅުއްވުމަށްފަހު އެނބުރި އެމްޑީޕީއާ މިހާރު ގުޅިވަޑައިގެންނެވި އަލީ އާޒިމަކީ ރައީސް ނަޝީދުގެ ފެކްޝަނުން ވާދަކުރެއްވި ކެންޑިޑޭޓެވެ.

އާދަމް އާޒިމް މާލެ ސިޓީގެ މޭޔަރުކަން ފުރަތަމަ ފަހަރަށް ކާމިޔާބު ކުރެއްވީ 13 ޖަނަވަރީ 2024 ގައި ބޭއްވި އިންތިހާބުގައި 44.8 ޕަސެންޓު ހޯއްދަވައިގެންނެވެ. އެ އިންތިހާބުގައި އާޒިމްއާ އެންމެ ގާތުން ވާދަކުރެއްވީ، ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު އާޒިމާ ޝަކޫރު އެވެ.