ތިލަމާލެ ބްރިޖުގެ ސްޕީޑާ ދޭތެރޭ ހިތްހަމައެއް ނުޖެހޭ, އެކަމަކުވެސް ކުރާނެ ކަމެއް ނެތް: ރައީސް

22 ނޮވެންބަރު 2023 - ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަސައްކަތް ކުރިއަށްދާ ސައިޓަށް ޒިޔާރަތް ކުރެއްވުން ---

މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިލުމަށް ހަދަމުންދާ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ސްޕީޑާ ދޭތެރޭ ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އެކަމާމެދު ކުރާނެ ކަމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ރައީސް ވިދާޅުވީ، ޕްރޮޖެކްޓްގެ މުއްދަތު އިތުރުކުރުމަށް ކޮންޓްރެކްޓަރު ވަރަށް ބޮޑަށް އެދެމުންދާތީ ވަރަށް ބޮޑަށް ބަލާފައި އެ މުއްދަތު ސަރުކާރުން އިތުރުކޮށްދެއްވާފައިވާ ކަމަށެވެ. އަދި މަޝްރޫއ އަވަސްކުރުމަށް ސަރުކާރުން ދޭންޖެހޭ އެންމެހާ އެއްބާރުލުން މިހާތަނަށްވެސް ދެމުން އައި ނަމަވެސް، މި އަހަރަށް ނިންމުމަށް ތާވަލުކުރި އެ މަޝްރޫއު 2027 އަށް ދިގުލައިގެން ދިއުމަކީ ހިތްހަމަޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

”އެހެނަސް އެ ޕްރޮޖެކްޓް އެބަ ހިނގާ. ދެން ސަރުކާރުން ކޮށްދޭންޖެހޭ ކަމެއް ވިއްޔާ ކޮށްދެން އެބަ،“ ރައީސް ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން މަސައްކަތް ނިންމަންޖެހޭ އާ ތާރީހެއްގެ ގޮތުގައި 30 ސެޕްޓެމްބަރު 2026 ކަނޑައަޅައި، 16 ނޮވެމްބަރުގައި ސަޕްލިމެންޓަރީ އެގްރީމެންޓެއްގައި ވަނީ ސޮއިކޮށްފަ އެވެ. އަދި އެ ޕްލޭނުގެ ދަށުން މާލެ އާއި ވިލިނގިލި ގުޅާލުމުގެ މަސައްކަތް 31 މެއި 2026 އަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށްވެސް އޭރު ވިދާޅުވި އެވެ.

މުއްތަލިބު އިތުރަށް ވިދާޅުވި ގޮތުގައި، ކަނޑުގެ ހާލަތު އަންޑާ އެސްޓިމޭޓް ކުރެވިފައި އޮތުމަކީ މަސައްކަތް ލަސްވާން ދިމާވި އެއް ސަބަބެވެ. އެކަން ހައްލުކުރުމަށް އިތުރު ބާޖުތައް ގެނެސްގެން މަސައްކަތް ހަލުވިކުރަން މަސައްކަތް ކުރަމުންދާއިރު، މުއްދަތު އިތުރުވިޔަސް ޕްރޮޖެކްޓަށް ހިނގާ ޖުމުލަ ހަރަދު އިތުރުނުވާނެ ކަމަށް ވިދާޅުވި އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި، އެ ގައުމުގެ އެފްކޮންސް ކުންފުނިން ހަދަމުން އަންނަ 6.7 ކިލޯމީޓަރުގެ ތިލަމާލެ ބްރިޖަކީ މާލެ ސަރަހައްދުގައި މިހާރު ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު އެވެ. އެގޮތުން މި ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ، އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދީފައިވާ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.