ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް އަބްދުﷲ ޖަމީލް މޫސާ އަދި ފެމެލީ ކޯޓުގެ އިސްގާޒީކަމަށް އަބްދުﷲ ނަޝީދު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ 20 އެޕްރީލް 2026 ގައި ބޭއްވި ޖޭއެސްސީގެ ޖަލްސާގައެވެ. ދެ މަގާމަށް ވެސް ބޭފުޅުން އައްޔަންކުރަން ނިންމީ އެ މަގާމުތަކަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ކޮމިޝަނަށް ލަފާ އެރުވުމުންނެވެ.
ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ޢައްޔަންކުރަން ނިންމި އަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ ވިތު އޮނާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރުކަމުގައި 16 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެ ބޭފުޅާ ވަނީ ހައްދުންމަތީ ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި ސިވިލް ކޯޓުގެ ގާޒީކަން އަދާކުރައްވާފައެވެ. އެ ބޭފުޅާ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެވިފައިވަނީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތިންވަނަ ދުވަހުއެވެ.
ފެމިލީ ކޯޓުގެ އިސްގާޒީކަމަށް އައްޔަންކުރަން ނިންމި އަބްދުﷲ ނަޝީދަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ޝަރުއީ ދާއިރާގައި 21 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ އެ ބޭފުޅާ ވަނީ ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި އިސްމެޖިސްޓްރޭޓުކަމާއި ނ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓުކަމާއި ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ އިތުރުން ފެމެލީ ކޯޓުގެ ގާޒީކަން އަދާކުރައްވާފައެވެ. އެ ބޭފުޅާ ފެމެލީ ކޯޓުގެ ޤާޟީކަމަށް ޢައްޔަންކުރެވިފައިވަނީ 2016 ވަނަ އަހަރުގެ މާޗު މަހުގެ 24 ވަނަ ދުވަހުއެވެ.



