ތެލަސީމިއާ ތިން ޕޭޝަންޓެއްގެ ގަޔަށް، ރައްކާތެރިކަން ކަށަވަރުނުވާ ލޭ އެޅުނު މައްސަލައެއް

ލޭގެ ރައްކާތެރިކަން ކަށަވަރުނުވާ ހާލަތުގައި ހުރި ލޭ ތިން ޕޭޝަންޓެއްގެ ގަޔަށް އެޅުނު މައްސަލައިގައި ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.

މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީން ނެރުނު ބަޔާނުގައި ބުނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ކްރޮސްމެޗްކޮށް ނިމި ޓްރާންސްފިއުޒް ކުރަން ތައްޔާރުކޮށްފައި ހުރި ލޭ ޕެކްތައް ރައްކާކޮށްފައިވާ ފްރިޖުގެ ފިނިހޫނުމިން ދަށްވެ، 12 ލޭ ޕެކެއްގެ ރައްކާތެރިކަން ގެއްލިފައިވާ ކަމަށެވެ. އެ ލޭ ޕެކްތައް އުކާލަންޖެހޭކަން އެނގުނު ހިސާބުން ކަމާ ބެހޭ ފަރާތްތަކާ ގުޅައިގެން ކަންކަން ބަލަމުން ގެންދިޔަ ކަމަށް އެ ބަޔާނުގައިވެއެވެ. ނަމަވެސް މި މަހުގެ 20 ވަނަ ދުވަހު ހެނދުނު ތިން ޕޭޝަންޓަކަށް އެ ލޭ އަޅާފައިވާކަން، އެތަނުން އެއް ޕޭޝަންޓެއްގެ ބެލެނިވެރިއެއް އެ ސޮސައިޓީއާ ހިއްސާކުރި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ތެލެސީމިއާ ސޮސައިޓީން ބުނީ ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިހާރުން މިހާރަށް ކުރަންޖެހޭ ކަންކަން ކަމާ ބެހޭ އެންމެ މަތީ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެމްބީއެސް، ހުޅުމާލެ ހޮސްޕިޓަލް އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސް ފަރާތްތަކާ ބައްދަލުކޮށް، ތެލެސީމިއާ ކޮމިއުނިޓީގެ ކަންބޮޑުވުންތަކާއި މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް ހުށަހަޅާފައިވާނެ ކަމަށެވެ.

ކަމާބެހޭ ފަރާތްތަކުން އެކަން ތަހުގީގުކޮށް، އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށާއި އެފަދަ ކަންކަން ތަކުރާރުވިޔަ ނުދާނެ ފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް ކުރާ މަސައްކަތްތަކަށް ބުރޫއަރާފާނެ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށް ވެސް ތެލެސީމިއާ ސޮސައިޓީން ބުންޏެވެ.

އެ ސޮސައިޓީން ބުނީ މިއީ ތެލެސީމިއާ ކޮމިއުނިޓީއަށް ނުތަނަވަސް ވަގުތެއް ކަމަށާއި، ނުރަނގަޅު މައުލޫމާތު ނުފެތުރުމަށް ގޮވާލާ ކަމަށެވެ. އަދި ތެލެސީމިއާ ކުދިންނަށް ދިމާވާ ކޮންމެ ކަމެއްގައި ހައްލު ހޯދައިދިނުމަށް ކަމާ ބެހޭ ފަރާތްތަކާ ގާތުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ބަލި މީހުންނާއި ބެލެނިވެރިންނަށް ދޭ ކަމަށް ވެސް އެ ސޮސައިޓީން ބުންޏެވެ.