މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދިން މައްސަލައިގައި ފުލުހުން ބަހެއް ބުނުމަށް ދެކޮޅު ހަދައިފިއެވެ.
އާޒިމަށް ހަމަލާދީފައިވަނީ އެމްޑީޕީން މާލޭގައި ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާތަކުގެ ތެރެއިން ރޭ ބޭއްވި މުޒާހަރާގައެވެ. އެ މުޒާހަރާގެ ތެރެއަށް ވަދެ، މީހަކު އާޒިމްގެ މޭމަތީގައި ޖެހުމުން، އޭޑީކޭ ހޮސްޕިޓަލުން ވަނީ ފަރުވާ ވެސް ހޯއްދަވައިފައެވެ.
އެ މައްސަލައިގައި ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިން ވަނީ އެކި ގޮތްގޮތުން އެ މައްސަލައާ ގުޅޭ މައުލޫމާތު އޮޅުންފިލުވުމަށް ސުވާލުކޮށްފައެވެ. އެއިން އެއްވެސް ސުވާލަކަށް ފުލުހުން ޖަވާބުދީފައެއް ނުވެއެވެ.
އާޒިމަށް މުޒާހަރާގެ ތެރެއިން ދިން ހަމަލާއާ ގުޅިގެން ފުލުހުން މިހާތަނަށް ކުރިއަށްގެންގޮސްފައިވާ ތަހުގީގުގެ އަޕްޑޭޓު ހޯދުމަށް ”ހަފްތާ“ އިން ކުރި ސުވާލަށް ވެސް ފުލުހުން ޖަވާބެއް ދީފައެއް ނުވެއެވެ.
އެ މައްސަލައާ ގުޅިގެން ރައީސް އޮފީހުން ވެސް މިރޭ ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައިވާ ގޮތުން، އެމްޑީޕީން މާލޭގައި ރޭ ބޭއްވި މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރާ ވީޑިއޯ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގެންފައިވާ ކަމަށާއި، އެ ހަމަލާ އެ މަނިކުފާނު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.
މޭޔަރަށް ނުވަތަ އެއްވެސް ސިޔާސީ ލީޑަރަކަށް ހަމަލާދީ އެ ބޭފުޅުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، ކޮންމެ ރައްޔިތަކަށްމެ އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފައިވާ ކަމަށް ބަޔާނުގައިވެއެވެ.
އެ މައްސަލައިގައި ޗީފް ގަވަންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ އާޒިމަށް ރޭ ދިން ހަމަލާއަކީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށާއި، އެއީ ސަރުކާރުން ކުރި ކަމެއް ކަމަށް މޭޔަރު ވިދާޅުވެފައިވަނީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ.
ސަރުކާރުން ދިން ހަމަލާއެއް ކަމަށް މޭޔަރު އާޒިމް ވިދާޅުވެފައިވަނީ ކޮން ހެއްކަކާއި ގަރީނާއެއްގެ މައްޗަށް ބިނާކޮށް ކަމެއް އެއްގޮތަކަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެފަދަ ދޮގު ތުހުމަތުކުރެއްވުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް މުންދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވީ މި ހާދިސާ ހިނގި ފަހުން މިހާތަނަށް އެމްޑީޕީގެ ފަރާތުން ވެސް މާލެ ސިޓީ ކައުންސިލުން ވެސް އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާ ކަމަށާއި، އެއީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް މީސް މީޑިއާއިން ވީޑިއޯ ފެނުމާއެކު ފުލުހުން އަމިއްލަ އިސްނެންގެވުމުގެ މަތިން އެ މައްސަލަ ތަގުގީގުކުރަމުންގެންދާ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ.
މީގެ އިތުރުން މުންދު ވިދާޅުވީ މޭޔަރަކީ ދައުލަތުގައި ހައިސިއްޔަތުގެ ތެރެއިން އެދިވަޑައިގެންފި ނަމަ ސެކިއުރިޓީ ލިބޭނެ ފަރާތެއް ކަމަށާއި، ތްރެޓް އެސެސްމަންޓަކުން ނުރައްކަލެއް އޮތް ކަމަށް ފާހަގަކުރެވިއްޖެ ނަމަ ފުލުހުން އިސްވެ ސެކިއުރިޓީ ހަމަޖައްސައިދޭނެ ކަމަށެވެ.









