ސައުދީން ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން ފަށައިފި އެވެ.
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރިކަން އިސްލާމިކް މިނިސްޓްރީން ބުނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ, ކަދުރު ދޫކުރުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހާ ހަމައަށް, ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށެވެ. އަދި މެންދުރު ނަމާދު ވަގުތު ޖެހުމުން، ޖަމާއަތް ނިމެންދެން ކަދުރު ދޫކުރުން މެދުކަނޑާލާނެ ކަމަށްވެސް ބުންޏެވެ.
ކަދުރު ބެހުމުގެ ކަންކަން ކުރިއަށް ގެންދަނީ ނަންބަރު ދޫކޮށްގެންނެވެ. ނަންބަރު ދޫކުރަން ފަށަނީ ހެނދުނު 9:15 ގައެވެ. ނަންބަރު ދޫކުރަން ހަމަޖެހިފައިވަނީ އާންމުންނަށް 250 ނަންބަރު އަދި އިސްރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް 100 ނަންބަރެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ, މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ގޭބިސީތަކުން ކަދުރާ ހަވާލުވާން އަންނަ މީހުން, އެޑްރެހާއި ކަރަންޓު މީޓަރު ނަންބަރު އެނގޭނެ ލިޔުމެއްގެ އިތުރުން އައިޑީ ކާޑު ގެންނަންޖެހޭނެ ކަމަށެވެ. އަދި ކޮންމެ މީހަކަށްވެސް އެންމެ ގިނަވެގެން ހަވާލުވެވޭނީ 5 މީޓަރު ނަންބަރަށްވާ ކަދުރަށް ކަމަށް ބުންޏެވެ.
އަތޮޅުތެރޭގެ ރަށްރަށާއި ސިޓީތަކަށް ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ ކައުންސިލްތައް މެދުވެރިކޮށެވެ. އެގޮތުން ރަށްރަށަށް ކަދުރު ކަނޑައަޅާފައިވަނީ ކޮންމެ 100 ގޭބިސީއަކަށް 50 ޕެކެޓުގެ ރޭޓުން، ކަނޑައެޅިފައިވާ އަދަދު ހުސްވަންދެންނެވެ.








