ރައީސްގެ ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓް ހުއްޓާލިތާ އަހަރެއް ފަހުން އާ ޕޮޑްކާސްޓެއް

ރައީސްގެ އޮފީހުން، ”ދަ ޕަލްސް“ގެ ނަމުގައި އާ ޕޮޑްކާސްޓް ސިލްސިލާއެއް މިއަދު ފަށައިފި އެވެ.

ރައީސް އޮފީހުން ބުނީ، މި ޕޮޑްކާސްޓަކީ ރައްޔިތުންގެ ވިންދާ ގުޅޭ މުހިންމު ދާއިރާތަކާމެދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު، ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޝަރީފާ ހިއްސާކުރެއްވުމާއި ޒިންމާދާރު ނޫސްވެރިއެއްގެ ސުވާލުތަކަށް އެ މަނިކުފާނު ޖަވާބުދާރީވެވަޑައިގަންނަވާ އުސޫލުން ފަރުމާކުރެވިފައިވާ ޕޮޑްކާސްޓެއް ކަމަށެވެ.

ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް، ރައީސްގެ އޮފީހުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މިއަދު ވަނީ ހިއްސާކުރައްވައިފަ އެވެ.

ރައީސް އޮފީހުން ބުނީ، ”ދަ ޕަލްސް“ ޕޮޑްކާސްޓްގެ ދެވަނަ ބައި ކުރިއަށް ގެންދާނީ ޒިންމާދާރު ނޫސްވެރިއަކަށް ނުވަތަ މީޑިއާއަކަށް، އެކްސްލޫސިވް ބަސްދީގަތުމެއް ދެއްވާ ގޮތަށް ކަމަށެވެ. އެގޮތުން ފުރަތަމަ އެޕިސޯޑުގައި ބައިވެރިވެވަޑައިގަތީ ވަގުތު ނޫހުގެ ފަރާތުން ޔާމީން މުހައްމަދެވެ.

މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑް ފައްޓަވަމުން، ސަރުކާރުގެ އިސް ތަރުޖަމާނު ވަނީ، ”ދަ ޕަލްސް“އަކީ އެ ވަގުތެއްގައި، ރައްޔިތުންގެ ވިންދު، އެކަމަކާ ގުޅިފައިވާ ކޮންމެވެސް އެއް މައުޟޫއެއް ނުވަތަ ކޮންމެވެސް އެއް ދާއިރާއަކަށް އަމާޒުކުރައްވައިގެން، އެކަމަކާ ގުޅޭގޮތުން ރައްޔިތުންގެ ވިންދު ހުރި ގޮތް، ދެނެގަނެވޭތޯ މަސައްކަތްކުރައްވައިގެން، އެކަންކަން ރައީސްއަށް ހުށަހަޅުއްވައި، ރައީސް އެކަމާ މެދު ދެކެވަޑައިގަންނަވާ ގޮތް ނުވަތަ އެ ދާއިރާއެއްގައި އެ މަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތައް އަދި އެ ދާއިރާއަކުން ސަރުކާރުގެ މަސައްކަތްތައް ހުރި ނެތް ގޮތް ހިއްސާކުރެއްވުމަށް އެކުލަވާލެވިފައިވާ ހާއްސަ ޕްރޮގްރާމެއް ކަމަށެވެ

ރައްޔިތުންނާ ވީހާވެސް ގާތުން މުއާމަލާތްކޮށް، މައުލޫމާތު ހިއްސާކުރުމަށްޓަކައި ރައީސް މުއިއްޒު ވަނީ 27 މާރިޗް 2025 ގައިވެސް ޕޮޑްކާސްޓެއް ފައްޓަވައިފަ އެވެ. ރައީސް އޮފީހުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ރައީސް އޮފީހުގެ ޔޫޓިއުބް ޗެލަން މެދުވެރިކޮށް ގެނެންދޭ އެ ޕޮޑްކާސްޓް ފެއްޓެވީ ”ރައްޔިތުންނާ އެކު“ގެ ނަމުގަ އެވެ.

ނަމަވެސް އެ ޕޮޑްކާސްޓުގެ ހަތް އެޕިސޯޑެއް ދެއްކުމަށްފަހު 30 މޭ 2025 އިން ފެށިގެން އެއްވެސް އެޕިސޯޑެއް ދައްކާފައެއް ނުވެ އެވެ. ޕޮޑްކާސްޓް ގެނައުން ހުއްޓުނީތޯ ރައީސް އޮފީހުގެ އޭރުގެ ތަރުޖަމާނު ހީނާ ވަލީދާ ނޫސްވެރިން ސުވާލު ކުރި ނަމަވެސް އޭނާ ޖަވާބެއް ނުދެއްވަ އެވެ.