މާތް ﷲ އަށް ވަކީލުކުރުމަކީ ވަކީލުކޮށްފީމޭ ބުނެ ދެ އަތް އުރާލައިގެން ހުރުމެއް ނޫނެވެ.

މާތް الله އަށް ވަކީލުކުރުމަކީ، ވަކީލުކޮށްފީމޭ ބުނެ ދެ އަތް އުރައިލައިގެން ހުރުން ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

”ހިޖުރައިގެ އިބުރަތްތަކުގެ ތެރެއިން“ މި މައުޟޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ހިޖުރީ އާ އަހަރެއް ފެށިގެން އަންނައިރު ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ މެދު ފުންކޮށް ވިސްނައިލުމަކީ މިއަދު ކުރާންޖެހޭ ކަމެއް ކަމަށެވެ. އަދި ހިޖުރައިގެ މާނައަކީ ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުން ކަމުގައިވީ ނަމަވެސް ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫއަވުން ކަމަށް ބުންޏެވެ.

ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އިބުރަތްތަކަކާއި ދަރުސްތަކެއްވާކަން ފާހަގަކޮށް ހުތުބާގައި ބުނީ, ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ ދީނަށްޓަކައި ގުރުބާންވުމުގެ މަތިވެރި ފިލާވަޅު ކަމަށެވެ. އެގޮތުން ކީރިތި ރަސޫލާ އެކަލޭގެފާނު އުފަންވެވަޑައިގެން ބޮޑުފުޅުވީ ރަށާއި ގާތްތިމާގެ ބޭފުޅުންނާއި އާއިލާގެ ބޭފުޅުން ދޫކުރައްވައި މައްކާއިން ނުކުމެވަޑައިގެން މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ އިސްލާމްދީނުގެ ދިފާއުގައި ގުރުބާންކުރައްވާފައިވާ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ, ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރީން އެ ކަމެއް ފުރިހަމައަށް ރޭވުމާއި ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސައިފައިވުން ކަމަށެވެ.

އެގޮތުން ފުރިހަމަ ސިއްރިއްޔާތުގައި އަބޫބަކުރުގެފާނު, ހަތަރު މަސް ކުރީން ދަތުރުގެ ސަވާރީ ތައްޔާރުކުރައްވާން ފެއްޓެވި އިރު, ހިޖުރައަށް ނުކުމެވަޑައިގެންނެވި ރޭގައި އަލީގެފާނު ކީރިތި ރަސޫލާގެ ދާންމަތިކޮޅުގައި އަވަހާރަފުޅުލެއްޕެވުން ހިމެނެ އެވެ. އަދި ހިޖުރައިގެ ރޭވުންތަކުގެ ތެރެއިން މައްކާއިން ނުކުމެވަޑައިގެން ޘައުރު ފަރުބަދައިގެ ހޮހަޅައިގައި އެ ބޭކަލުން ތިއްބެވި އިރު ފަރިއްކޮޅު އެރުވުމަށް އަސްމާ ބިންތި އަބޫބަކުރު ހަވާލުވެވަޑައިގެންނެވި އިރު އޭރު މައްކާގައި ހިނގަމުންދިޔަ ކަންކަމުގެ ހަބަރުތައް ރަސޫލާއާ އަބޫބަކުރުގެފާނަށް ގެންގޮސްދެއްވީ އަބޫބަކުރުގެފާނުގެ ދަރިކަލުން އަބްދު اللهއެވެ.

ހުތުބާގައި ބުނީ, ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރީން ސާބިތުކަމާ އެކު ދެމިތިބޭނޭ ކަމުގެ ފިލާވަޅު ކަމަށެވެ. އެގޮތުން ރަސޫލާ އާއި އަބޫބަކުރުގެފާނު ޘައުރުފަރު ބަދައިގެ ހޮހަޅައިގައި ތިއްބެވި އިރު އަބޫބަކުރުގެފާނު ރަސޫލާއަށް ދެންނެވިއެވެ. އޭ اللهގެ ރަސޫލާއެވެ! މައްކާގެ މުޝްރިކުންގެ މީހަކު ގުދުވެ އެ މީހުންގެ ފައިތިލަ އަޅައިގެން އެހެރަ ތަނަށް ބަލައިފިއްޔާ ތިމަންބޭކަލުން މި ތިއްބެވި ތަން އެބައިމީހުންނަށް ފެންނާނެއެވެ. މި ހިނދު ރަސޫލާ ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ.

”އޭ އަބޫބަކުރުގެފާނެވެ! ތިމަންމެން ދެ ބޭކަލުން އެކަނި ތިއްބެވިކަމަށް ހީފުޅުނުކުރައްވާށެވެ! ތިންވަނަ ފަރާތެއްގެ ގޮތުގައި ތިމަންބޭކަލުންނާ އެކު މާތް الله ވޮޑިގެންވެއެވެ.“

ހިޖުރައިގެ މަތިވެރި ހާދިސާއިން ކަންކަމުގައި މާތް اللهއަށް ވަކީލުކުރުންވެސް ހިމެނޭކަން ފާހަގަކޮށް ހުތުބާގައި ބުނީ, ވަކީލުކުރުމަކީ، ކަންކަންކުރުމަށް ބޭނުންވާ ވަސީލަތްތަކުގެ ބޭނުން ހިފުމާ އެކު، މާތް اللهގެ ހަޒުރަތުން ރައްކާތެރިކަން ލިބުމަށް އެދި އެ ކަން ޔަގީންކޮށްގެން ހުރުން ކަމަށެވެ. އެގޮތުން ހިޖުރައަށް ނުކުމެ ވަޑައިގަތުމުގެ ކުރީން ކީރިތި ރަސޫލާ, އެކަލޭގެފާނު ބޭނުންފުޅުވާ ކަންކަމާއި ތަކެތި ހޯއްދަވައި, ދަތުރުކުރައްވާނޭ ސަވާރީކޮޅާއި ރައްކާތެރިކަމާ އެކު ދަތުރުކުރައްވާނޭ އާރުކާޓީއެއް ހޯއްދަވައި, ފުރިހަމައަށް ވަކީލު ކުރެއްވި ކަމަށް ބުންޏެވެ.