އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން މިއަދު ކުރިއަށްދާ އިންތިހާބުގައި ގދ. ފިޔޯރީގައި ހިންގި ހަމަނުޖެހުމެއްގައި ވޯޓުލާން ބެހެއްޓި ފޮށި ފަޅާލައިފި އެވެ.
މި އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު (އަންނި) އާއި އެމްޑީޕީގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. ނަޝީދަކީ އެމްޑީޕީގެ ފުރަތަމަ ޗެއާޕަސަން އެވެ.
ފިޔޯރީން ވާހަކަދެއްކި މީކާއިލް ފަޅީގެ މެންބަރަކު ’ހަފްތާ‘ އަށް ބުނީ، ވޯޓުލާއިރު އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންގެ ފަރާތުންވެސް މަންދޫބުންނާއި އޮބްޒާވަރުން ތިބެންޖެހޭނެ ކަމަށް ޕާޓީގެ އިންތިހާބީ އުސޫލުތަކާއި ގަވާއިދުތަކުގައި ބުނި ނަމަވެސް، އެ ރަށުގައި މިއަދު ވޯޓުލުން ފަށާފައިވަނީ މީކާއިލްގެ މަންދޫބުންނާއި އޮބްޒާވަރުންނަށް ފުރުސަތު ނުދީ ކަމަށެވެ.
އެ ފުރުސަތު ނުދިނީ އޮބްޒާވަރަކަށް ވާން ނަން ހުށަހަޅާފައި ނުވާ ކަމަށް ބުނެ ކަމަށާއި ނަމަވެސް އެ މައުލޫމާތުވެސް އޮތީ ވޯޓާ ހަވާލުވެގެން ތިބި މީހުންގެ އަތުގައި ކަމަށްވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ، އެ މައްސަލަ ހައްލުކުރުމަށް އެމްޑީޕީގެ އޮފީހަށް ގުޅި ކަމަށާއި އަދި އެކަން ހައްލުވަންދެން ވޯޓު ނުލާ މަޑުކުރަންވެސް އެދުނު ކަމަށެވެ. ނަމަވެސް ވޯޓު ފޮއްޓާ ހަވާލުވެ ހުރީ އަންނިއަށް ތާއީދުކުރާ، ފިޔޯރީ ކައުންސިލުގެ ރައީސް ފައިޒަރު ކަމަށާއި އެހެންވެ ވޯޓުލާން ފެށުމުން މައްސަލަ ހޫނުވީ ކަމަށް ބުންޏެވެ.
”އެކަން އެންމެ ފަހުން ޒުވާބަކަށް ވެގެން ގޮސް، އޭނާ (ދާއިރާގެ ރައީސް) ފޮށި ނަގާ ބިން މައްޗަށް އެއްލާލީ. ޕްލާސްޓިކް ފޮއްޓެއް. ފޮށި ފަޅައިގެންތާ ދާނީ، މިހާރު އޭނާ ހުރެގެން އެ ފޮއްޓަށް އެޅި ކަރުދާސްތައް އަލުން ފޮއްޓަކަށް އެބަ އަޅާ. އެކަން އެހެން ނުކުރެވޭނޭ ބުނީމަވެސް ބުނީ ޕާޓީ އޮފީހުން އެގޮތަށް އެކަން ކުރަން އެންގީ ކަމަށް،“ ’ހަފްތާ‘ އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
’ހަފްތާ‘ އަށް ފަހުން މައުލޫމާތު ލިބިފައިވާ ގޮތުގައި މީކައިލްގެ އޮބްޒާވަރުން ނުލާ ވޯޓުލުން މިހާރު ވަނީ ފަށައިފަ އެވެ.


