އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ރައީސް ނަޝީދު ކާމިޔާބު ކުރައްވައިފި

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން މިއަދު ބޭއްވި އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފި އެވެ.

މި އިންތިހާބުގައި ނަޝީދު (އަންނި)އާ ވާދަކުރެއްވީ އެމްޑީޕީގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބިގެންވާއިރު، މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ދައްކާ ގޮތުގައި ނަޝީދަށް ވަނީ 8،600 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފަ އެވެ. އެއީ 130 ފޮށިންނެވެ. މީކާއިލްއަށް ލިބިވަޑައިގެންފައިވަނީ 4،100 ވޯޓެވެ.

މި އިންތިހާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައާއި ސްރީ ލަންކާ ހިމެނޭހެން 241 ވޯޓު މަރުކަޒު ބަހައްޓާފައިވެ އެވެ.