މިއީ އެމްޑީޕީގެ ސަފުތައް ރުކުރުވާލައި އެންމެންއެކުގައި މި ސަރުކާރު ބަލިކޮށް، ރައްޔިތުން ބޭނުންވާފަދަ އެމްޑީޕީގެ ވެރިކަމެއް ހޯދައިދިނުމުގެ މަސައްކަތްތައް ފަށަންވީ ވަގުތު ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުކަންވެސް ކުރެއްވި ޝާހިދު މިހެން ވިދާޅުވީ، މިއަދު ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ޝާހިދު ވަނީ، ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މި ފަހުން ބޭއްވި އެންމެ ބޮޑު އެތެރޭގެ ސިޔާސީ ހަރަކާތުގައި ބައިވެރިވެ، ޕާޓީގެ ޑިމޮކްރަސީގެ ރޫހު ނެރުނު އެންމެހާ މެންބަރުންނާއި އަމާންއޮމާންކޮށް މި އިންތިހާބުގެ ކަންކަން ކުރިއަށް ގެންގޮސްދެއްވި އެމްޑީޕީގެ ހުރިހާ ވޮލަންޓިއަރުންނަށް ޝުކުރު ދަންނަވައިފަ އެވެ.
އަދި އިންތިހާބުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މެންބަރު މީކާއިލް ނަސީމާއި އިބްރާހިމް މުހައްމަދު (ވާޑެ) ދެއްކެވި ޑިމޮކްރަސީގެ ރީތި ނަމޫނާއަށްވެސް ޝާހިދު ޝުކުރު އަދާކުރެއްވި އެވެ.


