ރާއްޖޭގެ ތާރީހުގައި ވެސް ޑިމޮކްރަސީގެ މިނިވަންކަން އެންމެ ބޮޑަށް ހޯދައިދިނީ މި ސަރުކާރުން: ރައީސް

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ތާރީހުގައިވެސް, ރާއްޖޭގައި ޑިމޮކްރަސީގެ މިނިވަންކަން އެންމެ ބޮޑަށް ހޯދައިދީ, ތަންފީޒު ކޮށްދީފައިވަނީ މި ސަރުކާރުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ, ދާހިލީ ގޮތުން މި ގައުމުގައި މިނިވަންކަން އޮންނާނީ ޑިމޮކްރަސީގެ މިނިވަންކަން ފުރިހަމަ ގޮތުގައި އޮވެގެން ކަމަށާއި ދިވެހިން ގަބޫލުކުރި އަދި ގަބޫލުކުރާ ހަގީގަތަކީވެސް ޑިމޮކްރަސީ އޭގެ ފުރިހަމަ ގޮތުގައި ރާއްޖޭގައި އޮންނަންޖެހޭނެ ކަމަށް ކަމަށެވެ.

”….ރާއްޖޭގެ ތާރީހުގައިވެސް, މި ޑިމޮކްރަސީގެ ކަންކަން ފެށިގެން އައި ހިސާބުން ފެށިގެން ކަނޑައްތުކުރެއްވުނު ދުވަސްތަކަށް ބަލާއިރުގައި މި ސަރުކާރުން މިހާރު މި ރާއްޖޭގައި ޑިމޮކްރަސީ މިނިވަންކޮށްދީފައިވާ ވަރަށް ދުވަހަކުވެސް މީގެ ކުރިން ޑިމޮކްރަސީ މިނިވަންކަމާއެކީ ތަންފީޒު ކުރެވިފައެއް ނުވޭ,“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ, ރާއްޖޭގައި މިހާރު ސިޔާސީ ހަރަކާތްތައް ހިންގުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި އިދިކޮޅު ސިޔާސީ ލީޑަރުން ބޭނުންވާ މިނިވަންކަމާއެކު ހަރަކާތްތެރިވުމުގެ ފުރުސަތުވެސް ދެމުން އަންނަ ކަމަށެވެ. އޭގެ އިތުރުން މި ސަރުކާރުން އެއްވެސް ސިޔާސީ ލީޑަރަކު މިހާތަނަށް އައިއިރު ހައްޔަރުކޮށްފައެއް ނުވާނެ ކަމަށާއި ކުރިން ރައީސްކަން ކޮށްފައި ތިއްބެވި އެއްވެސް ރައީސަކު ޖަލަށްވެސް ލާފައި ނުވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އަނިޔާވެރިކަމުގެ ސަގާފަތް މި ސަރުކާރުން ވަނީ ނިމުމަކަށް ގެނެސްފަ އެވެ.

”މިއީތޯ މީގެ ކުރިން މި ގައުމުގައި ކަންކަން އޮތް ގޮތަކީ? ސަރުކާރެއް ހޮވާތަނުން އަވަސްވެ ގަންނާނީ އެންމެ ފަހުން ފޭބި ވެރިމީހާ ޖަލަށް ލެވޭތޯ. ބަދަލުހިފުމުގެ ރޫހު ނޫން ކަމެއް ގައުމުގައި ތަންފީޒުކޮށްފައެއް ނުވޭ. އެހެންނަމަވެސް އަޅުގަނޑުވީ ވައުދަކީ މި ގައުމުން ސިޔާސީ ބަދަލުހިފުމުގެ ރޫހު ނެތިކޮށްލާނަމޭ. އެހެންވީމާ މިހާރު މި ރާއްޖޭގައި ސިޔާސީ ގޮތުން ހަރަކާތްތެރިވުމުގައި އެއްވެސް ހުރަހެއް ނެތް. ސިޔާސީ ވިހަގަދަ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން މި ގައުމު އަޅުގަނޑުމެން ވާނީ މިނިވަންކޮށްދީފައި,“ ރައީސް ވިދާޅުވި އެވެ.