އެސްޓީއޯއަށް މި އަހަރުގެ ދެވަނަ ކުއާޓަރު (އޭޕްރިލް އިން ޖޫންއަށް)ގައި ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ ހިސާބުތަކުން ދައްކައިފި އެވެ.
އެސްޓީއޯ އިން މިއަދު އާންމުކުރި މި އަހަރުގެ ދެވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި 6.98 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު 5.4 ބިލިއަން ރުފިޔާގެ އާމްދަނީއަށްވުރެ 27 ޕަސެންޓް އިތުރު އަދަދެކެވެ.
އެސްޓީއޯ އިން ބުނީ, އެ ކުންފުނީގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީ ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުން ކަމަށެވެ.
ތެލުގެ އަގު މަތިވުމާއެކު އާމްދަނީ އިތުރުވި ނަމަވެސް ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް ކުރި މަސައްކަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ތެލުގެ އަގުތައް ނިސަބަތުން މަތިނުކޮށް ހިފެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން ތެލުގެ މާޖިން ކުޑަވެ, ތެލުގެ ވިޔަފާރިން ލިބުނު ޖުމުލަ ފައިދާ ދަށްވި ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން ބުނީ, ކުންފުނީގެ އެހެނިހެން ވިޔަފާރިން ލިބުނު ފައިދާ އިތުރުވުމާއެކު ޖުމުލަ ފައިދާއަށް ކުރި އަސަރު ކުޑަކުރެވުނު ކަމަށެވެ. އެގޮތުން ދެވަނަ ކުއާޓަރުގައި ޖުމުލަ ފައިދާގެ ގޮތުގައި 757 މިލިއަން ރުފިޔާ ލިބުނު ކަމަށް ހިސާބުތަކުން ދައްކަ އެވެ.
ހިސާބުތައް ދައްކާ ގޮތުން ޖުމުލަ ފައިދާ ދަށްވި ނަމަވެސް އިދާރީ ހިންގުމާއި ފައިނޭންސް ކުރުމަށް ކުރި ހަރަދު މެނޭޖުކުރުމުން ދެވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި އެސްޓީއޯއަށް ވަނީ 335 މިލިއަން ރުފިޔާ ލިބިފަ އެވެ.
އަދި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނީ 276 މިލިއަން ރުފިޔާ އެވެ.


