އެންޓި ކޮރަޕްޝަން ސުޕްރިންޓެންޑެންޓް ހޯދަނީ، މުސާރަ މަހަކު 40،000 ރުފިޔާ!

އޭސީސީގެ ރައީސް އާދަމް ޝާމިލް ---

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެންޓި ކޮރަޕްޝަން ސުޕްރިންޓެންޑެންޓެއް ހޯދަން އިއުލާންކޮށްފި އެވެ.

އެ މަގާމަށް މީހަކު ހޯދަން އޭސީސީން މިއަދު ކޮށްފައިވާ (އިއުލާން) ބުނެފައިވަނީ އެއީ ޕަބްލިކް ސާވިސް ރޭންކް 10 – ސްޓެޕް 1 ރޭންކުގެ މަގާމެއް ކަމަށެވެ. މަސައްކަތް ކުރަން ޖެހެނީ އިންވެސްޓިގޭޝަން ޑިވިޝަންގައެވެ.

އެ މަގާމަށް ހޮވޭ މީހަކަށް މުސާރައިގެ ގޮތުގައި މަހަކު 20،145 ރުފިޔާ ލިބޭނެ އެވެ. އަދި މަގާމުގެ އެލަވަންސްގެ ގޮތުގައި 11،450 ރުފިޔާ ދޭއިރު، ހާޒިރީ އިނާޔަތުގެ ގޮތުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް 310 ރުފިޔާ ލިބޭނެ އެވެ.

އެ ހުރިހާ އެއްޗެއް އެއްކޮށްލުމުން ގާތްގަނޑަކަށް 40،000 ރުފިޔާގެ މުސާރައެއް ޖެހެ އެވެ. އޭގެ އިތުރުން ދައުލަތުގެ ޕޭ ފްރޭމްވޯކުގެ މިނގަނޑުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތައްވެސް ލިބޭނެ ކަމަށް އިއުލާނުގައިވެ އެވެ.

އެ މަގާމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:

  • މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ޑޮކްޓަރަލް ޑިގްރީ ނުވަތަ ޕީއެޗްޑީ ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި ހަތަރު އަހަރު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން ދެ އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން

ނުވަތަ

  • މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި އަށް އަހަރު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން ދެ އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން

ނުވަތަ

  • މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީ ނުވަތަ ޕޯސްޓް ގްރެޖުއޭޓް ނުވަތަ ޑިޕްލޮމާ ނުވަތަ ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 12އަހަރު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން ދެ އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން
  • ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން (ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެ މީހެއްގެ ނަން ހިމެނިފައިވާނަމަ، މަސައްކަތަށް ނުކުތުމުގެ ކުރިން ޕާޓީން ވަކިވުން)

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.