ތިނަދޫން ހައްޔަރުކުރި ޑުރަގް ނެޓްވޯކަށް ނިސްބަތްވާ ދެ ބޮޑުންނަކީ ދެބެން!

ޑުރަގް ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެބެން ހައްޔަރުކޮށްފި އެވެ.

ފުލުހުން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ/ ހުދުރުވާގެ, ފަޒުލީން މުހައްމަދު (39އ) އާއި ހަމަ އެގޭ އަޒުލިފު މުހައްމަދު (30އ) އެވެ.

ފުލުހުން މިއަދު ބުނީ, އެ މީހުން ހައްޔަރުކުރީ ޑުރަގް އެތެރެކުރުމާއި އެ ތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި މި އަހަރުގެ ޖުލައި މަހުން ފެށިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ.

އެގޮތުން އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫ ގެއެއް ބަލައިފާސްކުރި އިރު, 16.25 ގުރާމުގެ ޑުރަގް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ, އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަޒުލީން 70 ދުވަހަށް އަދި އަޒުލިފު 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ތިނަދޫ ޕޮލިހާއި ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.