އެމްޕީއެލްގެ ތެޔޮ ވައްކަން: ދެ މީހަކު 8 އަހަރަށް ޖަލަށްލައި, ދައުލަތަށް 6.8 މިލިއަން ރުފިޔާ ބަދަލެއް ދޭން ހުކުމްކޮށްފި

މާލޭ ވިޔަފާރި ބަނދަރުގައި އެމްޕީއެލްގެ ދެ މުވައްޒަފަކު މަސައްކަތުގައި ---

މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގަތް ޑީސަލްއަށް ހިޔާނާތްވި މައްސަލައިގައި ދެ މީހަކަށް ހުކުމްކޮށްފި އެވެ.

މާލޭ ކޮމާޝަލް ހާބަރުގައި ހިންގާ އޮޕަރޭޝަންތަކަށް 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް އެފްއެސްއެމް އިން އެމްޕީއެލްއަށް ތެޔޮ ވިއްކުމުގައި އެ ކުންފުނިތަކުގެ މުވައްޒަފުން ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ މި މައްސަލައިގައި ތިން މީހަކަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ.

އެއީ އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ޗީފް މެނޭޖަރު ސ. ފޭދޫ/ ވާރުގެ, މުހައްމަދު އައިމަން އާއި އެ ޑިޕާޓްމަންޓުގެ އެސިސްޓަންޓް މެނޭޖަރު ސ. މަރަދޫ/ އާޒާދުގެ, ހަސަން ދީދީގެ އިތުރުން އެފްއެސްއެމްގެ ތެޔޮ ބައުޒަރު ޑްރައިވަރެއްގެ ވަޒީފާގައި ހުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސޮޖިބް އެވެ.

އެ ތިން މީހުންގެ ތެރެއިން ހަސަން ދީދީއަށް މީގެ ކުރިން ވަނީ ހުކުމްކޮށްފަ އެވެ. އެއީ ދައުލަތާއެކު ހެދި އިއުތިރާޒުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މި މައްސަލައިގައި ހިމެނޭ އައިމަންގެ މައްޗަށް ދައުލަތުން އުފުލީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާއާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި, އެނގިހުރެ, ސައްހަނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ކުށުގެ ދައުވާ އެވެ.

އެ ދެ ދައުވާ އުފުލީ, އޭނާ ހުރި މަގާމުގައި ހުރެގެން އެފްއެސްއެމް އިން, އެމްޕީއެލްއަށް ތެޔޮ ގަތުމުގެ މުއާމަލާތްތައް ކުރުމުގައި އެމްޕީއެލްއަށް ނުލިބޭ ތެޔޮ ލިބިފައިވާ ކަމަށް ބަޔާންކޮށް 13 ޖަނަވަރީ 2020 އިން ފެށިގެން 10 އޮކްޓޫބަރު 2020ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ 119 ޑެލިވަރީ ނޯޓު ބަލައިގަނެ ސޮއިކުރުމަށް މި މައްސަލައިގައި ހިމެނޭ ހަސަން ދީދީއަށް އިރުޝާދުދީ, އެ ޑެލިވަރީ ނޯޓްތައް ސިސްޓަމްއިން ބަލައިގަނެ ޕްރޮސެސްކޮށް, އެމްޕީއެލްއަށް ލިބިފައިނުވާ ޖުމުލަ 783,100 ލީޓަރު ޑީސަލް ލިބިފައިވާ ކަމަށް ލިޔެކިޔުންތަކުން ދައްކުވައި, އެ ޑީސަލްގެ އަގަށްވާ 6,799,800ރ. (6.8 މިލިއަން ރުފިޔާ) އެފްއެސްއެމްއަށް ދައްކައި, ޖުމުލަ 783,100 ލީޓަރު ޑީސަލްއަށް ހިޔާނާތްތެރިވެފައިވާތީ އެވެ.

މި ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރީ އައިމަން އަށް އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށް ލުމަށާއި ހިޔާނާތްތެރިވި ޑީސަލްގެ އަގަށްވާ 6.8 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދައުލަތަށް ދެއްކުމަށެވެ.

މި މައްސަލައިގައި ހިމެނޭ ބަންގްލަދޭޝް މީހާގެ މައްޗަށްވެސް އުފުލީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާއާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި, އެނގިހުރެ, ސައްހަނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ކުށުގެ ދައުވާ އެވެ.

އެ ދެ ދައުވާ އުފުލީ އޭނާ ހުރި މަގާމުގައި ހުރެ، އެފްއެސްއެމް އިން އެމްޕީއެލްއަށް ތެޔޮ ޑެލިވަރާކުރުމުގެ މުއާމަލާތްތައް ކުރުމުގައި 13 ޖެނުއަރީ 2020 އިން ފެށިގެން 10 އޮކްޓޯބަރު 2020ގެ ނިޔަލަށް 119 ޑެލިވަރީ ނޯޓު ތައްޔާރުކޮށް، އެ ޑެލިވަރީ ނޯޓުތަކުގައި ބަޔާންކޮށްފައިވާ ޑީސަލް އެމްޕީއެލްއަށް ޑެލިވާކޮށްފައިވާ ކަމަށް ދެއްކުމަށްޓަކައި ހަސަންދީދީއާ ހަވާލުކޮށް، އެފްއެސްއެމް އިން އެމްޕީއެލްއަށް ޑެލިވަރީކުރަންޖެހޭ 783،100 ލީޓަރު ޑީސަލްއަށް ހިޔާނާތްތެރިވެފައިވާތީ އެވެ.

މި ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ބަންގްލަދޭޝްގެ ސޮޖިބްގެ މައްޗަށްވެސް އިއްވީ އަށް އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށް ލުމަށާއި ހިޔާނާތްތެރިވި ޑީސަލްގެ އަގަށްވާ 6.8 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދައުލަތަށް ދެއްކުމަށެވެ.

މި މައްސަލައިގައި ދެން ހިމެނޭ ހަސަން ދީދީގެ މައްޗަށް ދައުލަތުން އުފުލީ މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި, އެނގިހުރެ, ސައްހަނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާގެ އަދަބެއްގެ ގޮތުގައި 7 މަހާއި 6 ދުވަހަށް ޖަލަށްލާން ކަނޑައެޅި ނަމަވެސް ފަހުން ދައުލަތާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އޭނާގެ ޖަލު ހުކުމް ވަނީ 160 ގަދިއިރުގެ މުއްދަތަކަށް މުޖުތަމައުއަށް ހިދުމަތްކުރުމަށާއި 42,000 ރުފިޔާގެ ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްފަ އެވެ.