މިއަހަރު ކުރީކޮޅު މެދުއިރުމަތީގަ ހަނގުރާމަ ފެށުނީއްސުރެ މިއަދާއި ހަމައަށް ކޮންމެ މަހަކުވެސް ސައުދީ އަރަމްކޯގެ ކައްކާގޭހުގެ އަގުތަށް ދަނީ އުފެލެމުންނެވެ. ހާއްސަކޮށް މިނޮވެމްބަރު މަހު އަގު ވަރަށް ބޮޑަށް މަތިވުމާއި ގުޅިގެން، އަދި އެލްޕީޖީ އުފުލާ ބޯޓުތަކުގެ ފްރައިޓް އިންތިހާއަށް ބޮޑުވުމާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި އެލް.ޕީ.ޖީގެ އަގު ދެގުނަވެ، ދުނިޔޭގެ ގައުމުތަކުގައި ގާތްގަނޑަކަށް %70 އަށްވުރެ މައްޗަށް އަގުތައް މިހާރުވަނީ އުފުލިފައެވެ.
ދުނިޔޭގެ ހަކަތައިގެ ބާޒާރުގެ އެންމެ ބޮޑު އެއްކުންފުނި ކަމަށްވާ ސައުދީ އަރަބިއްޔާގެ އަރަމްކޯއިން މި ނޮވެމްބަރު މަހަށް އެލް.ޕީ.ޖީ (ކައްކާގޭހުގެ) އަގަށްއައި އިތުރުވުމާއި ގުޅިގެން، ދުނިޔޭގެ ބާޒާރުގައި އެލް.ޕީ.ޖީގެ އަގު ވޭތުވެދިޔަ އަހަރަށްވުރެ ބޮޑުތަނުން މިހާރު އުފުލިފައިވާއިރު ، އަރަމްކޯއިން 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް ކަނޑައެޅި އެލް.ޕީ.ޖީ ކޮންޓްރެކްޓް އަގުތަކަށް ބަލާއިރު، ޕްރޮޕޭން ޓަނެއްގެ އަގު ވަނީ 720 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. އަދި ބިއުޓޭން ޓަނެއްގެ އަގު ވަނީ 780 އެމެރިކާ ޑޮލަރަށް ބޮޑުވެފައެވެ. ސައުދީ އަރަމްކޯގެ މި ކޮންޓްރެކްޓް އަގަކީ މެދުއިރުމަތިން އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކަށް އެލް.ޕީ.ޖީ ފޯރުކޮށްދިނުމުގައި އަގު ކަނޑައެޅުމަށް ބޭނުންކުރާ މައިގަނޑު މިންގަނޑެވެ.
އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު މިއަހަރުގެ އޭޕްރީލް މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއަށް އެލް.ޕީ.ޖީ އެތެރެކުރުމުގެ އެއްބަސްވުންތަކުގެ އަގުތައް ކޮންމެ މަހަކު ކަނޑައަޅަނީ އަރަމްކޯގެ މި މިންގަނޑަށް ރިއާޔަތްކޮށްގެން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެއަށް ކައްކާގޭސް ސަޕްލައިކޮށްދޭ ކުންފުނިތަކުގެ ބޯޓުފަހަރަށް ހޮރުމޫޒު ކަނޑުއޮޅި ބަންދުވުމާއި ގުޅިގެން ފްރައިޓުގެ އަގުވަނީ %200 އަށްވުރެ ބޮޑުވެފައެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގެ އަގުތަކަށް ބަލާއިރު، ފާއިތުވި އޮގަސްޓްމަހާއި، ސެޕްޓެމްބަރު މަސް އަދި އޮކްޓޫބަރު މަހަށްފަހު، މި ނޮވެމްބަރު މަހަކީ ވިދިވިދިގެން އެލް.ޕީ.ޖީގެ އަގު އުފުލުނު ހަތަރުވަނަ ފަހަރެވެ. މިއާ ޚިލާފަށް، 2025 ވަނަ އަހަރުގެ މި މުއްދަތުގައި އަރަމްކޯއިން ވަނީ އަގުތައް އެއްވަރެއްގައި ހިފަހައްޓައިފައެވެ.
ވިޔަފާރިވެރިން ލަފާކުރާ ގޮތުގައި ނޮވެމްބަރުމަހު އަގު އުފުލިފައިވަނީ ދުނިޔޭގެ ބާޒާރުގައި އެލް.ޕީ.ޖީ ލިބުން ދަތިވުމާއި، މޫސުމީ ބަދަލުތަކާއެކު މި ދުވަސްވަރު ހުޅަނގުގެ ގައުމުތަކަށް ފިނިމޫސުން ފެށުމާއި ގުޅިގެން އެލް.ޕީ.ޖީއަށްއޮތް ޑިމާންޑް އިތުރުވުމާ ގުޅިގެންނެވެ.











ކޮމެންޓް