ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑްއިން ނެގި ލޯނަކަށް ގެރެންޓީ ދީގެން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އެ ދަރަނި ދައްކައި ހަލާސްކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލިސްގެ ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ސިވިލް ކޯޓުން ބުދަ ދުވަހު ނިންމި ހުކުމުގައި ބަޔާންކޮށްފައިވަނީ ފެސިލިޓީގެ ދަށުން ދައްކަންޖެހި ނުދައްކައިވާ ފައިސާގެ ތެރެއިން 244,826.52 ޔޫއެސް ޑޮލަރާއި، ޗާޖަސްގެ ގޮތުގައި އަރާފައިވާ 36,647.76 ޔޫއެސް ޑޮލަރު ހިމެނޭހެން ޖުމްލަ 281,474.28 ޑޮލަރު، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ބޭންކަށް ދައްކައި ޚަލާސްކުރުމަށެވެ. އަދި މި ފައިސާއަކީ ޝަމްހީދު ހިމެނޭހެން ދައުވާލިބޭ ހުރިހާ ފަރާތްތަކުން އެންމެން އެކުގައި އަދި ވަކިވަކިން ޒިންމާވާ ގޮތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި ހުކުމާ ގުޅިގެން ނެރުއްވި ޑރ. އަހްމަދު ޝަމްހީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑްއަކީ ކުރީގެ ރައްޓެހިންތަކަކާ އެކު އުފެއްދި ކުންފުންޏެއް ނަމަވެސް، ހިޔާލުތަފާތުވުންތަކެއް އުފެދި އެ ކުންފުނީގެ ހިންގުމާ ދުރުގައި ހުންނަވާތާ ހަތް އަހަރު ވެދާނެ ކަމަށެވެ. އަދި އެ ލޯނަކީ ބައެއް ހިއްސާދާރުންގެ އަމިއްލަ ބޭނުމަށް ނެގި ލޯނެއް ކަމަށާއި، އެހީތެރިވުމުގެ ގޮތުން ގެރެންޓީ ދެއްވީ އޭނާގެ ގެރެންޓީއާ އެކު ނޫނީ ލޯނު ނެގެން ނެތުމުން ކަމަށް ފާހަގަކުރެއްވިއެވެ.
އެހެންކަމުން މިއީ އެމަނިކުފާނުގެ އަމިއްލަ ބޭނުމަކަށް ނެގި ލޯނަކަށް ނުވި ނަމަވެސް، ޤާނޫނީ ގޮތުން އަދާކުރަންޖެހޭ ޒިންމާތަކުން ރެކިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ކޯޓުގެ ޙުކުމާ އެއްގޮތަށް އެ ދަރަނި ދައްކައި ޚަލާޞްކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދާއިރާގެ ރައްޔިތުންނަށް ދެއްވާކަމަށްވެސް ޑރ ޝަމްހީދުގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.











ކޮމެންޓް