ޕާކިސްތާނުގެ އުތުރު ހުޅަނގު ސަރަހައްދުގައި، ގަވާއިދާ ހިލާފަށް ރަން ނެގުމުގެ މަސައްކަތެއް ހުއްޓުވުމަށް ދަތުރުކުރި ފުލުހުންގެ އުޅަދު ތަކަށް ދިން ހަމަލާއެއްގައި އަށް ފުލުހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ހާމަކޮށްފިއެވެ.
ޚައިބަރް ޕަޚްތޫންޚުވާ ޕްރޮވިންސްގެ ކޮހާޓް ސަރަހައްދުގެ އިސް އޮފިޝަލަކު އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހަމަލާގައި އަށް ފުލުހުން މަރުވުމުގެ އިތުރުން އިތުރު 13 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.
މބުދަދުވަހު ދިން މި ހަމަލާގައި ހަނގުރާމަވެރިން ފުލުހުންގެ ދެ އުޅަނދެއްގައި ރޯކޮށްލާފައިވާ ކަމަށާއި، ފުލުހުންގެ އިތުރު ދެ އުޅަނދަކާއި އަމިއްލަ މީހެއްގެ އުޅަނދެއްވަނީ ގެއްލިފައެވެ.
ބޯޑަރު ސަރަހައްދުގައި ދެވުނު މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ. އެ ސަރަހައްދުގެ ސަލާމަތީ ބާރުތަކުން ބުނާ ގޮތުގައި މިފަދަ ހަމަލާތައް އަންނަނީ އަފްޣާނިސްތާނުގެ ތެރެއިންނެވެ. ނަމަވެސް އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރުން އެ ތުހުމަތުތައް ވަނީ ދޮގުކޮށްފައެވެ.
2021 ވަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަމާ ތާލިބާނުން ހަވާލުވި ފަހުން، ޕާކިސްތާނާއި އަފްޣާނިސްތާނުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އަދި ނިމިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޯޑަރު ސަރަހައްދުގައި ހިނގި ނުރައްކާތެރި ކުރިމަތިލުންތަކާ ގުޅިގެން ބޯޑަރު ބަންދުކުރަން ޖެހުމުން، މި ނުތަނަވަސްކަން އިތުރަށް ވަނީ ގޯސްވެފައެވެ.











ކޮމެންޓް