ޖުލައި 4, 2024

ޔާމީން ސިޔާސީ ޖަލްސާތަކުގައި ބައިވެރިވުން ނުހުއްޓުވުނު، ފިޔަވަޅު އަޅަން ސަރުކާރަށް ނުކެރިފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސިޔާސީ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވާތީ އެ މަނިކުފާނަށް ދީފައިވާ ލުއިތައް ރިވިއު ކުރަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނުން ބުނެފައި ވަނިކޮށް އަނެއްކާވެސް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ޖަލްސާ އެއްގައި އެ މަނިކުފާނު ބައިވެރިވެވަޑައިގެންފި އެވެ.

ޔާމީނަކީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށް ވެވަޑައިގަންނަވާނީ ސިޔާސީ ޕާޓީތަކުގެ ޖަލްސާތަކާއި އާންމު އެއްވުންތަކަށް ވަޑައިގަތުމަކީ އެ މަނިކުފާނަށް މަނާ ކަމެކެވެ. ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކުރުމަށް ފަހު އެ މަނިކުފާނަށް ދީފައިވާ ލުއިތަކުގެ ތެރޭގައިވެސް އެ ކަންކަން ނުހިމެނެ އެވެ.

ނަމަވެސް ޕީއެންއެފް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވެސް ޔާމީން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. ނަމަވެސް އެމަނިކުފާނު ވާހަކަފުޅެއް ނުދައްކަވަ އެވެ.

މިއީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަަނަ ދުވަހުގެ ރޭ އޮތް ޕީއެންއެފްގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންފައިވާތީ ގާނޫނީ އިންޒާރުދީ އެ މަނިކުފާނަށް ދީފައިވާ ލުއިތައް ރިވިއު ކުރަން ފަށާފައިވާ ކަމަށް ކަރެކްޝަނުން ބުނެފައި ވަނިކޮށް ޕީއެންއެފްގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންނެވި ހަތަރުވަނަ ފަހަރެވެ.

ކަރެކްޝަނުން މިއަދު ވެސް ބުނީ ޔާމީނަށް ދީފައިވާ ލުއިތައް އަދިވެސް ރިވިއު ކުރަމުންދާ ކަމަށެވެ. ނަމަވެސް ފިޔަވަޅު އެޅުން ލަސްވަނީ ކޮން ސަބަބަކާ ގުޅިގެންތޯ ސުވާލު ކުރުމުން ސީދާ ޖަވާބެއް ނުދެއްވަ އެވެ. ޔާމީނަށް އިތުރު ފިޔަވަޅެއް ނާޅާ ކަމަށާއި އެފަދަ ނިންމުމެއް ނިންމާފައި ނެތް ކަމަށް ކަރެކްޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ވ. އާރަށު މައްސަލައިގައި 11 އަހަރަށް ޖަލަށްލާފައިވާ ރައީސް ޔާމީނަށް ލުއިތަކެއް ދިނުމަށްފަހު ވަނީ ގެއަށް ބަދަލުކުރައްވާފަ އެވެ. ގެއަށް ބަދަލު ކުރައްވާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.