ނޮވެމްބަރ 22, 2024

ވިލިމާލެއަށް ކުރިއަށް އޮތް 20 އަހަރަށް ބޭނުންވާ ކަރަންޓު ޑިމާންޑް ދެނެގަތުމަށް ދިރާސާ ފަށައިފި

  1. މާލޭގެ ފަސްވަނަ އަވަށް، ވިލިމާލެއަށް ކުރިއަށް އޮތް 20 އަހަރު ދުވަހަށް ބޭނުންވާ ކަރަންޓު ޑިމާންޑް ދެނެގަތުމަށް ސްޓެލްކޯ އިން ދިރާސާ ކުރަން ފަށައިފި އެވެ.

ސްޓެލްކޯ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ދިރާސާ ކުރަނީ އެ ކުންފުނީގެ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓާއި ރީޖަނަލް ޕަވާހައުސް ޑިޕާޓްމަންޓް ގުޅިގެން ކަމަށެވެ.

އެ ދިރާސާއަކީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި ސްޓެލްކޯއާ ދެމެދު 23 ޑިސެމްބަރު 2023 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ހަދާ ދިރާސާއެކެވެ.

އެ އެއްބަސްވުމުގެ ދަށުން މިހާރު ވިލިމާލޭގައި އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކާއި މިހާރު ބޭނުންކުރަމުންދާ ނިޒާމުގައި ހުރި މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރުމަށް ކުރަން ހުރި މަސައްކަތްތަކަކީ ކޮބައިކަން ދެނެގަންނާނެ އެވެ.

އަދި ކުރިއަށް އޮތް 20 އަހަރު ދުވަހަށް ޑިމާންޑް އިތުރުވާނެ މިންވަރާއި އެ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަން ހުރި މަސައްކަތްތަކާއި މަރާމާތުކުރުމަށާއި ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އިންވެސްޓްމަންޓް ދެނެގަތުމާއި ނިޒާމު މަރާމާތު ކުރުމަށާއި އަޕްގްރޭޑް ކުރުމަށް މަޝްރޫއުއެއް އެކުލަވާލައި އެ މަޝްރޫއު ތަންފީޒު ކުރާނެ ގޮތުގެ އެކްޝަންޕްލޭނެއް ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހަޅާނެ އެވެ.

އޭގެ އިތުރުން ވިލިމާލޭގެ ލޭންޑް ޔޫސް ޕްލޭންގެ މައުލޫމާތު ކަމާގުޅޭ މިނިސްޓްރީ މެދުވެރިކޮށް ފޯރުކޮށްދިނުމާއި ހަކަތައާއި ފެނާއި ނަރުދަމާގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ހާމަކޮށްދިނުމާއި ސަރުކާރުގެ އެކި މުއައްސަސާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދުމުގައި އެހީތެރިވެދިނުމާއި އެއްބަސްވުމުގެ ދަށުން ތައްޔާރުކުރާ މަޝްރޫއުއާއި އެކްޝަންޕްލޭން އިކްނޮމިކް ކައުންސިލަށް ހުށަހަޅައި، އެ ކައުންސިލުގެ އެންޑޯސްމަންޓް ހޯދައިދިނުންވެސް ހިމެނެ އެވެ.