ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އަލަށް ހެދި ސީ ޕްލޭން ޓާމިނަލް އެހެން ރަށަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީއައިއޭ ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި އިފުތިތާހު ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ވީއައިއޭގެ ފޭސް ދޭއް ތަރައްގީ ކުރުމުގެ ކަންކަން މާސްޓާ ޕްލޭނާ އެއްގޮތަށް ކުރިއަށްދާނީ ސީ ޕްލޭން ޓާމިނަލް އެހެން ތަނަކަށް ބަދަލުކޮށްގެން ކަމަށެވެ.
އަދި ހުޅުލެއިން، ހުޅުމާލެއިން ސީ ޕްލޭން ޓާމިނަލަށް އަދި ހުޅުލެއިން ސީ ޕްލޭން ޓާމިނަލަށް ވަށާޖެހޭ ގޮތަށް ބްރިޖެއް އަޅައި، ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ގާއިމު ކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.
“ ހުޅުލެއިން، ހުޅުމާލެއިން ސީ ޕްލޭން ޓާމިނަލަށް، ހުޅުލެއިން ސީ ޕްލޭން ޓާމިނަލަށް، ވަށާޖެހޭ ގޮތަށް ބްރިޖް އެޅި، ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ހާއްސަކޮށް، ދެންމެ ފެނިގެންދިޔަ ކަހަލަ މޮނޮރެއިލް ސިސްޓަމެއް ގާއިމުކުރެވި، ފަސޭހަކަމާ އެކީގައި ޕެސެންޖަރުން، ކަސްޓަމަރުން، މުވައްޒަފުން ދަތުރުކުރެވޭ ފަދަ ނިޒާމެއް ގާއިމުކުރުން، ދެންމެ އަޅުގަނޑުމެން މި ތަސައްވުރު ކުރިގޮތަށް،“ ރައީސް ވިދާޅުވި އެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ބުނި ގޮތުގައި އާ ސީ ޕްލޭން ޓާމިނަލް ބަދަލު ކުރާނީ ހުޅުމާލޭ ދެވަނަ ފިޔަވަހި ބޭރުގައި އޮންނަ ފުރަނަފުއްޓަށެވެ. އެއީ ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް ހިންގަމުން އަންނަ ރަށެވެ.
އެ ތަަނުގައި ތިން ވޯޓާ ރަންވޭ އާއި ފަސް ސީޕްލޭން އޮޕަރޭޓަރުންގެ ޖާގަ ތަނަވަސް ކުރެވޭނެ ކަމަށްވެސް ބުންޏެވެ. ނަމަވެސް އެތަނުގައި ހިންގަމުން އަންނަ ރިސޯޓެއް ހަދާނެ ގޮތެއް ނުބުނެ އެވެ.
އާ ސީޕްލޭން ޓާމިނަލް އެހެން ރަށަކަށް ބަދަލުކުރަން ރައީސް މުއިއްޒު ނިންމެވި އިރު، ”ނޫވިލު“ ގެ ނަމުގައި އެތަން ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފެށީ މީގެ އެއް އަހަރު ކުރިންނެވެ.
ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެމްއޭސީއެލުން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ އާ ޓާމިނަލަކީ ޖާގަ ތަނަވަސްކޮށް އަދި އެހާމެ ހިތްގައިމުކޮށް ހަދާފައިވާ ތަނެކެވެ. އެތަނުގައި 43 ލައުންޖު ހަދާފައިވާއިރު ޓީއެމްއޭއާއި މަންޓާ ސީޕްލޭންގެ ހިދުމަތް މިހާރު ދެމުން ދަނީ އެ ތަނުންނެވެ.
އަދި އާ ޓާމިނަލާ އިންވެގެން ހުރި ޑޮކްތަކުން ބޯޓުތަކަށް ފިއުލް އެޅޭ ގޮތަށް އޮޓޮމެޓިކް ފިއުލިން ސިސްޓަމްތައް ހަރުކޮށްފައި ހުރި އިރު، ފްލައިޓުތަކުގެ މެއިންޓެނެންސްއަށް ހޭންގަރެއްވެސް އެ ތަނުގައި ވަނީ ހަދައިފަ އެވެ.
ގުޅުންހުރި
ސިނގިރޭޓު ހުއްޓާލަން ބޭނުންވާ މީހުނަށް ދޭ ބޭސް ހޮސްޕިޓަލްތަކުން ލިބޭނެ ގޮތް
ކައުންސިލްތަކުގެ ބާރުތައް ހަނިވާ ގޮތަށް ފާސްކުރި އާބަން ޑިވެލޮޕްމަންޓް ބިލު ތަސްދީގުކޮށްފި
ޑީޕް ޓްރެކާއަކާއި އަލިފާން ނިއްވުމުގައި ބޭނުންކުރާ ޑްރޯންއެއް ސްޓެލްކޯ އިން ސިފައިންނަށް
އެންސްޕާ އިން 34.8 މިލިއަން ރުފިޔާއަށް ކުއްޔަށް ހިފި އިމާރާތުގެ އެއްބަސްވުން
ދެވަނައަށް އެންމެ ބޮޑު ޕާޓީ، ޕީޕީއެމް އުވާލަން އެ ޕާޓީގެ ސެނެޓުން
ހުޅުމާލެ ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ