ސެޕްޓެމްބަރ 21, 2024

ވިޔަފާރިތަކަށް ހާއްސަ ތިން ބުރީގެ ހަތް އިމާރާތް ހަދަން 770 މިލިއަން ރުފިޔާއަށް ޗައިނާގެ ބަޔަކަށް

އާބަންކޯ އިން ހުޅުމާލޭގައި ހިންގާ އިންޓަގްރޭޓެޑް އާބަން ޓޫރިޒަމް މަޝްރޫއު، އާބަން އައިލްގެ ކޮމާޝަލް ސްޕައިން ތަރައްގީ ކުރުމަށް ޗައިނާގެ ކޮންސްޓްރަކްޝަން އިންވެސްޓްމެންޓް ގްރޫޕާއެކު އެޗްޑީސީން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ޖުމުލަ 50 މިލިއަން އެމެރިކާ ޑޮލަރު (770 މިލިއަން ދިވެހި ރުފިޔާ)ގެ އެ މަޝްރޫއުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

ފަތުރުވެރިންނަށް ހާއްސަ ތަފާތު ގިނަ އެކޮމަޑޭޝަން ފެސިލިޓީތައް ހިމަނައިގެން ތަރައްގީކުރާ އާބަން އައިލްއަކީ ހުޅުމާލޭގެ އެންމެ އުތުރުން އޮންނަ ފަތުރުވެރިކަމަށް ހާއްސަ ކުރެވިފައިވާ ރަށެކެވެ. ގާތްގަނޑަކަށް 23 ހެކްޓަރުގެ މި ރަށުގައި ހަދާ ކޮމާޝަލް ސްޕައިންއަކީ ވިޔަފާރި ހަރަކާތްތަކަށް ހާއްސަކޮށްގެން ހަދާ އިމާރާތްތަކެވެ.

އެގޮތުން އެ ސަރަހައްދުގެ ޓޫރިޒަމް ބުޓީކްތަކާއި ހޮޓާތަކަށް ބޭނުންވާ ހިދުމަތްތައް އެ ސްޕައިން މެދުވެރިކޮށް ލިބިގެންދާނެ އެވެ.

އެޗްޑީސީން ބުނި ގޮތުގައި، އެ ޕްރޮޖެކްޓްގެ ދަށުން ހަދާނީ ކޮމާޝަލް ހަ އިމާރާތާއި ސްޕޯޓިން ހިދުމަތްތައް ދިނުމަށް ހަދާ އިމާރާތަކާއެކު ހަތް އިމާރާތެވެ. އެ އިމާރާތްތައް ހުންނާނީ ގުޅިފަ އެވެ. މި އިމާރާތްތަކަށް ސްޕައިންގެ ނަމުން ނަންދެވިފައިވަނީ މި އިމާރާތްތައް ގުޅާލެވިފައިވާތީ ކަމަށްވެސް ބުންޏެވެ.

އެޗްޑީސީން ބުނީ، އެ ސްޕައިން ހެދިގެންދާނީ 290،000 އަކަފޫޓުގެ ސަރަހައްދެއްގައި 3-4 ބުރިއަށް ކަމަށެވެ. އަދި އެ ސްޕައިން ވެގެންދާނީ މާލެ ސަރަހައްދުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސްޓްރަކްޗާގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު ކޮމާޝިއަލް ޒޯނަށް ކަމަށްވެސް ބުންޏެވެ.