ނޮވެމްބަރ 22, 2024

އާދިއްތަ ދުވަހުން ފެށިގެން ޓީބިލް ވިއްކަން ފަށާނެ، މިފަހަރު ވިއްކަނީ ހަތަރު ބިލިއަން ރުފިޔާގެ ޓީބިލް

ސަރުކާރުގެ ހަރަދުތައް ހަމަޖައްސުމަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން ހަތަރު ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލް (ޓީބިލް) ވިއްކަން ފަށާނެކަމަށް މާލީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މާލީ ވުޒާރާއިން ވިއްކަން ނިންމާފައިވަނީ 2.3 ބިލިއަން ރުފިޔާގެ ޓީބިލް %3.5 އިންޓަރެސްޓްގައި 28 ދުވަސް ތެރޭގައި އަނބުރާ ދައްކާ ބިލަކާއި، 263.4 މިލިއަން ރުފިޔާގެ %3.8 އިންޓަރެސްޓްގައި 98 ދުވަހުން ތެރޭގައި އަނބުރާ ދައްކަން ޖެހޭ ޓީބިލަކާއި 69 މިލިއަން ރުފިޔާގެ %4.23 އިންޓަރެސްޓްގައި 182 ދުވަސް ތެރޭގައި އަނބުރާ ދައްކަން ޖެހޭ ޓީބިލެއްގެ އިތުރުން 1.7 ބިިލިއަން ރުފިޔާގެ %4.6 އިންޓަރެސްޓްގައި 364 ދުވަސް ތެރޭގައި އަނބުރާ ދައްކާ ޓީ ބިލް ތަކެއެވެ. ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާއި ދެމެދުގައެވެ.

ޓީ-ބިލަކީ ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ވިއްކާ ދައުލަތުގެ ދަރަންޏެކެވެ. ޓީ-ބިލް ވިއްކަނީ އޭގެ އަސްލު އަގަށްވުރެ ހެޔޮކޮށް، އަދި ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން، އޭގެ ފައިސާ އަނބުރާ ދައުލަތުން އެފަރާތަކަށް އަސްލު އަގު އަދާކުރާގޮތަށެވެ.

Leave a Reply