އޮކްޓޯބަރ 6, 2024

ދޮގު އިލްޒާމު އެޅުވުމުން ޕީއެންސީގެ ޕްރައިމަރީގައި ވާދަނުކުރާނަން: އަބްދުއްރަހްމާން

ޕާޓީ ތެރޭގައި ފިތުނަފަސާދަ އުފައްދާ ކަމަށް ބުނެ މަޖިލިސް ޕްރައިމަރީގައި ވާދަނުކުރެވޭނެ ކަމަށް ނިންމުމަށްފަހު ފަހުން އެ ފުރުސަތު ދިންނަމަވެސް ދޮގު އިލްޒާމް އެޅުވީތީ ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ ޕީޕީއެމް، ޕީއެންސީގެ ރައީސް އަބްދުއްރަހްމާން ވިދާޅުވެއްޖެއެވެ.

ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހްމާން ވިދާޅުވީ  މިސަރުކާރު ގެނައީ ވަރަށް ފޮނި އުއްމީދަކާ އެކުގައި ކަމަށްވިޔަސް ޕާޓީގެ ވެރިންނަށް ފިނި ކޮޓަރިން ޖާގަ ލިބުމުން ބުރަ މަސައްކަތް ކުރި މީހުން މިހާރު ބޭކާރުވެފައިވާ ކަމަށެވެ.

އަބްދުއްރަހްމާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޖަވާބުދޭނީ މަޖިލީސް އިންތިހާބުން ކަމަށް އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ ބޭނުން ކެނޑި ޕާޓީ ލީޑަރުންނަށް ފިނި ކޮޓަރިން ޖާގަ ލިބުމުން އަޅުގަނޑުމެން ވީ ގުރުބާނީގެ ހަދިޔާއަކަށް އިހުލާސްތެރިން ނޫން ކަމަށް ދައްކައި ޕާޓީން ހުރާލައިފި، މިކަމުގެ ޖަވާބު މީދޫ ދާއިރާގެ ރައްޔިތުން މަޖިލިސް އިންތިހާބުގަ ރައީސް ޑރ. މުއިއްޒުއަށް ވަރަށް ރަނގަޅަށް ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،“ އަބްދުލްރަހުމާން ވިދާޅުވިއެވެ.

ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާއިރު، ޕްރައިމަރީގައި ވާދަކުރައްވާ 60 އަށް ވުރެ ގިނަ ބޭފުޅުންނަށް ޕާޓީގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ސޮއި ކުރައްވައި ފޮނުވި ސިޓީއަކުން ވަނީ އެ ބޭފުޅުންގެ ކެންޑިޑެސީ ބާތިލްކުރިކަން އަންގާފައެވެ.

ބައެއް ބޭފުޅުންނަށް ފޮނުވި ސިޓީގައި ވަނީ ޕާޓީއަށް އެކަށީގެންވާ ހިދުމަތްތަކެއް ކޮށްފައިނުވާ ކަމަށެވެ. އަދި އަނެއްބައި ސިޓީތަކުގައި ވަނީ ޕާޓީގެ މެމްބަރުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދި ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު މިއަދު ވަނީ އެ ސިޓީތައް ބާތިލްކޮށް ފޯމު ހުށަހެޅި އެންމެނަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ދޭން ނިންމަވާފައެވެ.