ޑިސެމްބަރ 13, 2024

ޗާގޯސް މައްސަލައިގައި ޑރ. މުނައްވަރުގެ ލަފާ ހޯދަނީ

ޗާގޯސް ޖަޒީރާއަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައި ރާއްޖޭގެ އީއީޒެޑުން ބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ސީސް (އިޓްލޮސް) އިން ނިންމިނިންމުން އިސްތިއުނާފު ކުރަން ކުރަމުންދާ މަސައްކަތުގައި ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރުގެ ލަފާ ހޯދަން ސަރުކާރުން ނިންމައިފިއެވެ.

އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޑރ. މުނައްވަރު މި މައްސަލައިގައި މަސައްކަތް ކުރައްވާނީ ކަނޑުތަކާ ބެހޭ ގާނޫނީ ދާއިރާގެ އެކްސްޕާޓެއްގެ ހައިސިއްޔަތުން ކަމަށެވެ. މުނައްވަރާއެކު އެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މުނައްވަރުގެ އިތުރުން އެ މައްސަލައިގައި ދެން ގާނޫނީ ލަފާ ހޯދަމުން އަންނަ ފަރާތްތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ މަތީ ފަންތީގެ ގާނޫނީ ވަކީލަކާއި ލޯ އޮފްދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރެއް ހިމެނެ އެވެ.

”މި ދެ ބޭފުޅުންނާ ހަވާލުކުރެވިފައިވާ މައިގަނޑު މަސައްކަތުގެ ތެރޭގައި ހިމެނެނީ، މި މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ދިރާސާކުރުމާއި، އެ މައްސަލަ އިޓްލޮސްގައި ކުރިޔަށްދިޔައިރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި ހުރި މައްސަލަތައް ދެނެގަތުމާއި، މި މައްސަލަ ހިނގަމުންދަނިކޮށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން 22 އޮގަސްޓް 2023 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއާ ގުޅިގެންނާއި، އެ ބޭފުޅުންގެ ނަޒަރުގައި މި މައްސަލާގައި ދިވެހިރާއްޖެއިން ނެގެން ހުރި ދިފާއުތަކަކީ ކޮބައިތޯ އަދި އެ ގޮތަށް އަމަލުކުރިނަމަ މައްސަލައިގެ ނިންމުމަށް ބަދަލެއް އައުމުގެ ފުރުސަތު އޮތްތޯ ބެލުމުގެ އިތުރުން، މި މައްސަލައިގައި ދެން އަމަލުކުރެވިދާނޭ ގޮތްތަކަކީ ކޮބައިތޯ ބަލައި މިކަންކަމާގުޅޭ ގާނޫނީ ލަފައެއް ހޯދުމެވެ“ އޭޖީ އޮފީހުގެ ބަޔާނުގައިވެއެވެ.

އެ ބޭފުޅުންގެ މަސައްކަތްތައް ނިންމައި އަންނަ މަހުގެ ކުރީކޮޅު ގާނޫނީ އޭޖީއަށް ލިޔުމުން ގާނޫނީ ލަފާ އަރުވާނެ އެވެ. އެ ލަފާތަކުގެ މައްޗަށް ބިނާކޮށް، އޭޖީ އަހްމަދު އުޝާމް ކަނޑައަޅުއްވާ ކޮމިޓީއަކުން ރިޕޯޓެއް ތައްޔާރުކޮށް އަންނަ މަހުގެ ތެރޭގައި އޭޖީއަށް ހުށަހަޅުއްވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާއެއްގޮތަށް ސަރުކާރުގެ ފުރަތަމަ 100 ދުވަސް ހަމަވުމުގެ ކުރިން އެ މައްސަލައިގައި ކުރިއަށްދާންވީ ގޮތެއް ކެބިނެޓުން ނިންމާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ގާނޫނީ މާހިރުންގެ ލަފާގެ މައްޗަށް ތައްޔާރުކުރާ ރިޕޯޓާއި އެ މަސައްކަތަށް ހޭދަވި ފައިސާގެ އަދަދު ފަދަ މުހިންމު މައުލޫމާތުތައް ސަރުކާރުން ހާމަކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.