ޖުލައި 6, 2024

ހަތަރު ވަނަ ކުއާޓަރުގައި އެސްޓީއޯއަށް ހަތަރު ބިލިއަން ރުފިޔާގެ އާމްދަނީއެއް

މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އެސްޓީއޯއަށް ޖުމުލަ އާމްދަނީގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މިއީ މީގެ ކުރީ ކުއާޓަރާ  އަޅާ ބަލައިއިރު ތިން އިންސައްތައިގެ ދަށްވުމެކެވެ. ކުންފުނީގެ 2023 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތިގައި ވަނީ 16.4 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ، މީގެ ކުރީ އަހަރާއި އަޅާބަލައި 10 އިންސައްތައިގެ ދަށްވުމެކެވެ. އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިބަދަލާއިއެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގު ދަށްކުރުމާއިއެކު، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވެފައިވުމެވެ. އެހެންނަމަވެސް ކުންފިނިން ވިކުނު ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ ރަގަޅުވުމާއިއެކު، ޖުމްލަ ފައިދާގެ ގޮތުގައިވަނީ 2.7 ބިލިއަން ރުފިޔާ ލިބަފައެވެ.

ކުންފުނީގެ މައިގަނޑު ވިޔަފާރިތަކަށް އިސްކަންދީގެން ކުންފުނި ހަރުދަނާ ކުރުމުގެ އެކިއެކި މަސައްކަތްތައް އަންނަނީ ކުރެވެމުންނެވެ. އަދި ކުންފުނީގެ ބެލެންސްޝީޓް ރީސްޓްރަކްޗާރ މަސައްކަތުގެ ތެރެއިން ކުންފުނީގެ އެސެޓްތަކުގެ އަގުމަގު ކުރުމުގެ ގޮތުން މިހާރުގެ އަގަށް އަގުކުރުމަށްފަހު އެސެޓްތައް ވަނީ އެޖަސްޓްކުރެވިފައެވެ. އަދި ތެލުގެ ބާޒާރުގައި އަންނަ ބަދަލުތަކާއި އެކު ތެލުގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމުގެ ގޮތުންނާއި ފިއުލް ސަޕްލައިސް މޯލްޑިވްސް ގެ ވިޔަފާރި ކުރިއެރުވުމުގެ ގޮތުން ވިކުނު ތެލުގެ އަދަށް ވަނީ ރިބޭޓްތައް ފޯރުކޮށްދީފައެވެ. ފިއުލް ރިބޭޓް އަދި އެސެޓް އިމްޕެއާރމަންޓް ހަރަދު ތައް އޭގެ އެންމެ އެކަށޭނެ މުއްދަތުގައި އެޖަސްޓް ކުރުމުގެ ގޮތުން މިއަހަރުގެ ފުރަތަމަ ތިން ކުއާޓާރގެ ހިސާބުތައް ވަނީ ރީސްޓޭޓް ކުރެވިފައެވެ.

ކުންފުނީގެ އިމްޕެއާރމަންޓް ކޮސްޓާއި، ޕްރޮވިޝަންސް އަދި ހިންގުމުގެ ހަރަދު ނިސްބަތުން އިތުރުވީ ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއިއެކު މިއަހަރުގެ ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 1.3 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާބަލައި 23 އިންސައްތައިގެ ކުރިއެރުމެކެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން މިއަހަރުގެ ސާފު ފައިދާއަކީ 995 މިލިއަން ރުފިޔާއެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާބަލައި 15 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ، މަތީގައި ބަޔާންކުރެވުނު ފަދައިން، ކުންފުނިން ކުރަމުން ގެންދާ ވިޔަފާރިތައް ރަގަޅުކުރެވި ޖުމްލަ ފައިދާ އިތުރުކުރެވިފައި ވުމެވެ. ޓެކުހަށް ކެނޑުމަށްފަހު، މި އަހަރުގެ ސާފުފައިދާގެ ގޮތުގައި ވަނީ 819 މިލިއަން ރުފިޔާ ލިބިފައެވެ.