ސެޕްޓެމްބަރ 22, 2024

މާލޭގެ މުހިއްމު އާސާރުތައް މަރާމާތުކޮށް ބެލެހެއްޓުމާ ސްޓެލްކޯ އިން ހަވާލުވެއްޖެ

މާލޭގެ މުހިއްމު އާސާރުތަކެއްގެ އާބާތުރަފިލުވައި، މަރާމާތުކޮށް، އެ ތަންތަން ޒީނަތްތެރިކުރުމުގެ މަސައްކަތާ ސްޓޭޓް އިލްކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހަވާލުވެއްޖެ އެވެ.

އެކަމާ ގުޅޭ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް އެވެ.

ސްޓެލްކޯ އިން ބުނީ، ފަސް އަހަރު ދުވަހުގެ މުއްދަތަށް ގުޅިގެން މަސައްކަތް ކުރުމަށް މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ފަންނީ އިރުޝާދުގެ ދަށުން، މާލޭ ހުކުރު މިސްކިތާއި މިސްކިތުގެ ގޯތިތެރެ އަދި މުންނާރާއި މާލޭ މެދުޒިޔާރަތުގެ އިތުރުން ކަޅުވަކަރު މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި، އެތަންތަން ރައްކާތެރިކަމާއެކު ގިނަ ޒަމާންތަކަކަށް ދެމެހެއްޓުމަށްޓައި ކުރަން ހުރި އާބާތުރަފިލުވުމާއި މަރާމާތުކުރުމާއި ޒީނަތްތެރުކުރުމުގެ މަސައްކަތްތައް އެ ކުންފުނިން ކުރާނެ ކަމަށެވެ.

އެއާއެކު އެ ތަންތަނުގައި ކުރަން ހުރި ކަރަންޓުގެ އެކި މަސައްކަތްތައްވެސް އެއްބަސްވުމުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ފަހުމީ ވިދާޅުވީ، އެ އާސާރުތައް ރައްކާތެރިކުރުމުގެ މަސައްކަތް މޫސުމާ ގުޅިގެން ލަސްވެގެން ދިޔަ ނަމަވެސް ދެން އެ މަސައްކަތަށް އިތުރު ލަސްކަމެއް ނާންނާނެ ކަމަށެވެ.

”މީ ވަރަށް ބޮޑަށް ޓެކްނިކަލީ ކަންތައްތައް ބެލިގެން ކުރަންޖެހޭ މަސައްކަތަކަށްވާތީ އަޅުގަނޑުމެން މިނިސްޓްރީއާ ގުޅިގެން ވަރަށް ބޮޑަށް މި ދިޔައީ ބަލަމުން. ވިއްސާރަ މޫސުމަކަށްފަހު ކޮންމެސް ވަގުތުކޮޅެއް ދޭންޖެހޭ ހުކުރު މިސްކިތު މުންނާރު ހިކުމާ އަދި އެހެނިހެން ޓެކްނިކަލް ކަންތައްތަކަށްވެސް. އެހެންވީމަ އަސްލު ލަސްވެގެން ދިޔައީ. ހަގީގަތުގައި އަޅުގަނޑުމެންނަށް މޫސުން ތަން ނުދިނީމަ، އެހެން ނޫން ނަމަ މި މަސައްކަތް އަޅުގަނޑުމެންނަށް ވާނީ މީގެ ކުރިންވެސް ފެށިފަ،“ ފަހުމީ ވިދާޅުވި އެވެ.

އާދަމް ނަސީރު ވިދާޅުވީ، ބަހާބެހޭ މިނިސްޓްރީއަށް އަދި ތަރިކަ ރައްކާތެރިކުރާ މަރުކަޒަށް މީގެ ކުރިންވެސް ސްޓެލްކޯއަކީ ވަރަށް މުހިއްމު ބައިވެރިއެއް ކަމަށެވެ.

”ވަރަށް ގިނަ އެހީތެރިކަން ދެއްވަމުން ގެންދަވާ… އަޅުގަނޑުމެން މި ވުޒާރާގެ މަސައްކަތާ ހަވާލުވި ފަހުން މިހާތަނަށް ކުރެވުނު މަސައްކަތްތަކުގަވެސް ސްޓެލްކޯގެ އެހީތެރިކަން ވަރަށްބޮޑާށް ލިބިފަ ވަނީ“ އާދަމް ނަސީރު ފާހަގަކުރެއްވި އެވެ.

ސްޓެލްކޯއިން މީގެ ކުރިންވެސް ވަނީ މާލޭ ހުކުރު މިސްކިތުގެ ގޯތިތެރޭގައި ހުރި ހިރިގައު ވަޅުތަކާއި މުންނާރާއި އަދި މާލޭ މެދުޒިޔާރަތް ރައްކާތެރިކޮށް، އާބާތުރަފިލުވައި، ޒީނަތްތެރިކުރުމުގެ މަސައްކަތް ކޮށްދީފަ އެވެ.