ޖުލައި 4, 2024

ފުޓްސަލް އާއި ނެޓްބޯޅައަށް ގިނަ ދަނޑުތައް ހިމެނޭ އުސް އިމާރާތެއް ހަދަނީ

ފުޓްސަލް އާއި ނެޓްބޯޅައަށް ހާއްސަ ގިނަ ދަނޑުތައް ހިމެނޭ އުސް އިމާރާތެއް ހުޅުމާލޭގައި ހަދަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސް ވިދާޅުވީ، ދިވެހި ހުނަރުވެރި ގިނަ އެތުލީޓުން މިއަދު ތިބީ މާޔޫސްކަމުގައި ކަމަށެވެ.

ހަމައެކަނި ދިވެހީން އެންމެ ލޯބިކުރާ ފުޓްބޯޅައަށް ނަޒަރު ހިންގައިލާ އިރު ވެސް، ސަރަހައްދީ މުބާރާތެއްގައި ދުވަހަކު ރާއްޖެ ނުދާހާ ދަށަށް ގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ދުރު ރާސްތާގެ ދެމެހެއްޓެނިވި ކާމިޔާބީއަށް އަމާޒު ހިފައިގެން ކުޅިވަރު މުބާރާތްތަކަށް ދިވެހި އެތުލީޓުންނާއި ކުޅުންތެރީން ތަމްރީނުކުރުމުގެ މަސައްކަތް ފައްޓަވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރާއްޖޭގެ ބިމުގެ ޖާގައަށް ބަލާއިރު، އެކަމަށްޓަކައި ފަންގިފިލާތަކަށް މަތިމައްޗަށް ހެދިފައިވާ ކުޅިވަރުކުޅޭ ތަންތަން ގާއިމުކުރަންޖެހޭ ކަމަށެވެ.

އެގޮތުން ފުރަތަމަ ފަހަރަށް މަލްޓިސްޓޯރީ ”ފުޓްސަލް ކޮމްޕްލެކްސް“ އަދި ”ނެޓްބޯޅަ ކޮމްޕްލެކްސް“ އެއް އިމާރާތްކުރުމަށް ހުޅުމާލެއިން ދެ ބިން މިހާރު ކަނޑައަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމުގެ މުހިންމު ކަމަށް ބަލައި ސަރުކާރުން މި ކަމަށް ހާއްސަ މިނިސްޓްރީއެއް ގާއިމުކޮށްފައިކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، އެ މިނިސްޓްރީގެ ދަށުން ކުޅިވަރުގެ ދާއިރާއަށް ބޭނުންވާ ކަންކަން ހޯދައި އެކަންކަމަށް އެދެވޭ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

”މީގެ ތެރޭގައި ގައުމީ އަދި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ސްޓޭޑިއަމްތަކުގައި ހުރުން ލާޒިމް ސިއްހީ ހިދުމަތްތަކާބެހޭ މިންގަނޑުތައް އެކުލަވާލުމުގެ ގޮތުން ދިވެހިރާއްޖޭގައި ރާވައި ހިންގާ ކުޅިވަރު މުބާރާތްތަކުގައި ފުރިހަމަކުރަންޖެހޭ މިނިމަމް މެޑިކަލް ރިކުއާމަންޓް އާބެހޭ އުސޫލު ތައްޔާރުކޮށް މި ހިދުމަތް 15 ޖަނަވަރީ 2024 ގައި ވަނީ އިފްތިތާހު ކުރެވިފައި. އަދި މި ހިދުމަތް އަތޮޅުތެރޭގައާއި މާލޭގައި ބޭއްވޭ ގައުމީ އަދި ބައިނަލްއަގުވާމީ މުބާރާތްތަކަށް ލިބިދޭނެ އިންތިޒާމް މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ،“ ރައީސް ވިދާޅުވި އެވެ.

ގައުމީ ކުޅުންތެރިންގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށް ބޭނުންވާ ހައި ޕާފޯމަންސް ސެންޓަރުގެ މަސައްކަތް ފައްޓަވާނެ ކަމަށާއި ކުޅިވަރާއި ކަސްރަތުގެ މުހިންމުކަމާ ގުޅޭގޮތުން ސްކޫލު ކުދިންނާއި އާންމު ރައްޔިތުން ހޭލުންތެރި ކުރުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރޮގްރާމު ހިންގުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ހަމަ އެހެންމެ ސްޕޯޓްސް ސައިކޮލޮޖީ، ސްޕޯޓްސް ނިއުޓްރިޝަން އަދި ކުޅިވަރުގެ ރިވެތި އަހުލާގާ ގުޅޭގޮތުން ކުޅުންތެރިންނަށް މައުލޫމާތުދީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމު ފެށިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

”ހަމައެއާއެކު އަޅުގަނޑު ފާހަގަކުރަން. ދުނިޔެއަށް އަންނަ ބަދަލުތަކާއެކު، ދިވެހި ޒުވާނުންގެ ޝައުގު އިތުރުވަމުންދާ، ރޭސިން، ސާފިން، މޫދު ކުޅިވަރު، އީ-ގޭމިން ފަދަ ކަންކަން ރާއްޖޭގައި ކުރިއަރުވާން ސަރުކާރުން އިރާދަކުރެއްވިއްޔާ މަސައްކަތް ފަށާނަން،“ ރައީސް ވިދާޅުވިއެވެ.