ސީރިއަލް ޕެކެޓުގައި ފޮރުވައިގެން ބޭރުކުރަން އުޅުނު 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފި

ގިނަ އަދަދެއްގެ ބޭރު ފައިސާ ވަގަށް ބޭރުކުރަން އުޅުނު މައްސަލައެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ހަ ބިދޭސީން ހައްޔަރުކޮށްފި އެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ބުނީ, އެ މީހުން އަތުލައިގަތީ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި, ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން, އެކަމަށް ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި މައްސަލައިގައި ހިމެނޭ ބިދޭސީންގެ އަތުން ހިފެހެއްޓި ފައިސާގެ ތެރޭގައި 174,161 އެމެރިކާ ޑޮލަރާއި 56,760 ޔޫރޯ އާއި 1,815 ސްޓާލިންގް ޕައުންޑް ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ހިމެނޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު ބުނީ, އަތުލައިގެން ފައިސާގެ ޖުމުލަ އަގު ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

ފުލުހުން މީގެ ކުރިން ވަނީ ޑޮލަރުގެ ވިޔަފާރިކުރާ ހަ ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ.