ޔާމީންގެ ސަރުކާރުގައި ވެސް ރާއްޖޭގައި ބޭރުގެ ސިފައިން ތިބި، ފޮނުވައެއް ނުލާ: ރައީސް މުއިއްޒު

އެ މަނިކުފާނުވެސް ކެބިނެޓުގައި ހިމެނިވަޑައިގެންނެވި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް ރާއްޖޭގައި ބޭރުގެ ސިފައިން ބޭތިއްބި ކަމަށާއި ފޮނުވައެއް ނުލާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ކޮންގްރެސް ނިންމުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ވެރިކަމާ ހަވާލުވި އިރު ދިފާއީ ބާރު އޮތީ ވަރަށް ނިކަމެތިކޮށް ކަމަށާއި އެހެންވީ މިދިޔަ ސަރުކާރުން ދިފާއީ ބާރަކީ ކަމެއް ކުރެވޭ ބައެއް ނޫން ކަމާއި ދިވެހި ސިފައިންނާ ދޭތެރޭގައި ފަހުރުވެރި ނުވުމުގެ ސަބަބުން ކަމަށެވެ. އަދި އޭރު ހުރިހާ ކަމެއް ބައްޓަން ކޮށްފައި އޮތީ ވަކި ގައުމަކުން ބޭނުންވާ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.

”ބޭރުގެ ސިފައިން ބޭތިއްބީކީ ހަމައެކަނި މިދިޔަ ސަރުކާރަކު ނޫން. މިކަން ފެށިފައި އޮންނަނީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި 2009 ގައި. މިތަނަށް ބޭރުގެ ސިފައިން ގެނައީ 2009 ގައި. އޭރުގައި ގެނައި ގޮތަށް އެ ސަރުކާރަކުންވެސް އެ މީހުން ފޮނުވާލީކީ ނޫން. ދެން އައި ސަރުކާރަކުން (ރައީސް ޔާމީންގެ ސަރުކާރު) ވެސް ފޮނުވާލީކީ ނޫން. ދެން އައި ސަރުކާރަކުން (ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު) ވެސް ފޮނުވާލީކީ ނޫން. އެހެންވީމަ މިކަންކަމާ ހަވާލުވާންޖެހޭނެ އެ ހުރިހާ ސަރުކާރަކުން މިތަނުގައި ބޭރު ސިފައިން ބައިތިއްބައިގެން އެ ކުރި ހުރިހާ ކަމަކަށް,“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ, މިއަދު ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލުގެ ވާހަކަދެއްކުމުގެ ހައްގެއް ޕީއެންސީގެ ފިކުރަށް ފިޔަވައި އެހެން އެއްވެސް ފިކުރަކަށް ނެތް ކަމަށެވެ. އެއީ ޕީއެންސީން ރައްޔިތުންނަށްވީ ވައުދާ އެއްގޮތަށް މިހާރު ރާއްޖޭގައި ބޭރުގެ ސިފައިން ނެތުމުން ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައިވެސް ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އިރު، ރައީސް ސޯލިހުގެ ސަރުކާރުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ”އިންޑިއާ އައުޓް“ގެ ނަމުގައި ބޮޑު ހަރަކާތެއް ހިންގެވި އެވެ. އެ ހަރަކާތުގައި އިސްކޮށް ހުންނެވީ ރައީސް ޔާމީނެވެ. ނަމަވެސް ރައީސް ޔާމީން ޖަލަށް ގެންދިއުމުން އެ ހަރަކާތުގައި ދެން އިސްކޮށް ފެނިފައިވަޑައިގަތީ މިހާރުގެ ރައީސް އަދި އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒެވެ.