ޔޫއޭއީގެ އީގަލް ހިލްސްއާ ރަސްމާލެ މަޝްރޫއު ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފިއެވެ.
މިރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލިސް ބައްދަލުވުމުގައި ހުށަހެޅި އެ ގަރާރުގެ ތެރެއިން ކުރިއަށްގެންދިޔަ ބަހުސްގައި، މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާގެ ނަމުގައި ކުރިއަށްގެންދާ ރަސްމާލޭ މަޝްރޫއަކީ ދިވެހިންގެ މުދަލަށް ގެއްލުން ލިބޭ ގޮތަށް ހިނގަމުންދާ މަޝްރޫއެއް ކަމަށް ބުނެ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ގަރާރުގައި ފާހަގަކުރި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އެއްވެސް ކަމެއް ކުރުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދަން ޖެހެއެވެ. ކުއްޔެއް ނެތި 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުން ކަމަށްވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
ބިޑަކާ ނުލައި، ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް މި މަޝްރޫއު ހަވާލުކޮށްފައިވާ ކަމަށް ބުނެ، ގާނޫނީ ގޮތުން ބޮޑެތި ގޯސްތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރެއެވެ. އޭގެ އިތުރުން، ބިންތައް ތިންވަނަ ފަރާތްތަކަށް ކުއްޔަށްދޭ ކޮންމެ ފަހަރަކު 99 އަހަރަށް ކުލީގެ މުއްދަތު އަލުން ފަށާ ގޮތަށް އޮތުމުން، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން ދާއިމީކޮށް ލިބޭ ފަދަ ނުރައްކަލެއް އޮތް ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.
ގަރާރުގައި ސަރުކާރަށް ތިން ކަމަކަށް ގޮވާލާފައިވެއެވެ. ފުރަތަމަ ކަމަކީ، މަޝްރޫއުގެ ވިޔަފާރީ އެއްބަސްވުންތަކުގެ ތަފުސީލު އާންމުކުރުމެވެ. ދެވަނަ ކަމަކީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުވަތަ ރިފަރެންޑަމްއެއް ނެގުމެވެ. އަދި ތިންވަނަ ކަމަކީ، އެ ވޯޓުގެ ނަތީޖާ ލިބުމުގެ ކުރިން، ބިމުގެ މައްޗަށް އެއްވެސް ފަރާތެއްގެ ހައްގެއް އުފެދޭ ފަދަ އެއްވެސް މުއާމަލާތެއް ނުހިންގުމަށެވެ.
މިރޭގެ ބައްދަލުވުމުގައި ބައިވެރިވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު ގަރާރު ވަނީ ފާސްކޮށްފައެވެ.


